ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
ރައީސުލްޖުމްހޫރިއްޔާ އަކީ ސްމާޓް ބޭފުޅެއް ކަމަށާއި މަޖިލީހަށް ފޮނުއްވަނީ ސްމާޓް ޤާނޫނުތައް ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަހުސް ވަގުތުގައި މެންބަރު ނަސީމް ވިދާޅުވީ ކުށުގެ ވެށީގައި ޙަރަކާތްތެރިވާ ފަރާތްތަކުން މިހާރު އެފަދަ ކުށްތަކަށް އަރައިގަންނަނީ ވަރަށް ސްމާޓްކޮށް ތިބެގެން ކަމަށެވެ. އެގޮތުން މިޒަމާނުގައި ތިމާގެ ކުރިމަތީގައި ހުންނަ މީހަކު ތިމާގެ އަތުން ވައްކަން ކުރަމުން ދާއިރުވެސް އެއީ ވަގެއްކަން ނޭނގޭ ކަމަށް މެންބަރު ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ މިހާރު ޒަމާން ބަދަލުވެއްޖެ ކަމަށާއި މިއީ ޓެކްނޮލޮޖީގެ ޒަމާން ކަމަށެވެ. އެހެންކަމުން ޤާނޫނު ހަދާ ފަރާތްތަކާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުންވެސް ސްމާޓްނުވެ އެމައްސަލަތަކަށް ޙައްލެއް ނުލިބޭނެކަމަށް ނަސީމް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ބަދަލުވެގެން ދެން މިމީހުން ހިފާ ހައްޔަރު ކުރެވޭނީ. އެބަދަލު އަޅުގަނޑުމެން މިހާރު ޤާނޫނަށް ގެންނަން މިއުޅެނީ. ނުވެސް އެނގޭނެ މިހާރު ކަންތައްތައް ހިންގާލާގޮތް.” މެންބަރު ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ދާދިފަހުންވެސް މުޅި ދުނިޔެ ސައިބަރ އެޓޭކްތަކެއްގެ ސަބަބުން ހުއްޓިގެންދިޔަ ކަމަށާއި ސްމާޓް ރައީސް ސްމާޓް ޤާނޫނު މަޖިލީހަށް ފޮނުއްވަނީ އެހެންވެ ކަމަށެވެ.

އަދި މިހާރު އެންމެ ގިނައިން ކުށްތަކަށް އަރައިގަންނަނީ އިލެކްޓްރޯނިކް އާލާތްތައް ބޭނުންކޮށްގެން ކަމަށާއި ޚާއްސަކޮށް ފޯނާއި އީމެއިލް މެދުވެރިކޮށް ހިންގާ ކުށްތައް ރާއްޖޭގައިވެސް އިތުރުވެފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

އެހެންކަމުން އިލެކްޓްރޯނިކް ހެކިބަސް ނެގޭނެގޮތް ޤާނޫނުގެ ތެރެއިން ހަމަޖައްސަންޖެހޭ ކަމަށް މެންބަރު ނަސީމް މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން