ހުޅުމާލެ
ހުޅުމާލެ
ހުޅުމާލެ ދެވަނަ ފިޔަވަހިން މިހާތަނަށް ޖުމްލަ 624 ގޯތި ހަވާލުކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ބައެއް ފަރާތްތަކަށް އިއްޔެ 18 ގޯއްޗެއް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިއްޔެ ދޫކުރި 18 ގޯއްޗާއެކު މިހާތަނަށް ޖުމްލަ 624 ގޯތި ހަވާލު ކޮށްފައިވާ ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ޖުމްލަ 1،408 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރު ދޫކޮށްފައިވަނީ 465 ގޯތި ކަމަށާއި މި އަހަރު 159 ގޯތި ދޫކޮށްފައިވާ ކަމަށްވެސް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އޭގެއިތުރުން މިހާތަނަށް ޙަވާލުކުރި ގޯތިތަކުގެ ތެރެއިން މިދިޔަ ހަފުތާގެ ނިޔަލަށް 486 ގޯތީގައި ކަންމުޑި ޖަހާފައިވާއިރު ބާކީ ގޯތިތަކުގައި ކަންމުޑިޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

އޭރު ހައުސިންގ މިނިސްޓްރީން ބުނީ ޝަރުތު ހަމަވެގެން ގޯތި ލިބޭ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން އޭރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން