ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
އައިކޮމް އޮފީހުން ޕީޖީ އޮފީހަށް ހުށަހެޅީ ކުރީ ސަރުކާރުގެ މައްސަލައެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ހީނާ މިގޮތަށް ވިދާޅުވެފައިވާއިރު އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކަށް އަމަލުނުކުރުމުގެ ސަބަބުން ރައީސް އޮފީހާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައެއްގައި ޖިނާއީ ކުށެއް ހިމެނޭތޯ ބަލައިދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ.

އެމައްސަލައިގެ ތަފްސީލް ހާމަކުރަށްވަމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ‏އާރްޓީއައި ޤާނޫނުގެ ދަށުން، ރައީސް އޮފީހުން މަޢުލޫމާތު ނުދީގެން ޖިނާއީ ދައުވާ ކޮށްދެއްވުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލަ އަކީ މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ.

އެއީ މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މައުލޫމާތުތަކެއް ސާފުކުރަން 2022 ވަނަ އަހަރު ހުށައަޅާފައިއޮތް މައްސަލައެއް ކަމަށާއި ރައްޔިތުންނަށް ކަންކަން ސިއްރު ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ނޫން ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދައުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަހުގީގުކުރެވިފައި އޮންނަންވާނެ ކަމަށެވެ.

އެހެންކަމުން އައި.ކޮމް އޮފީހުން ހުށައެޅި މައްސަލައިގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބަލައި ގާނޫނުގައިވާ ގޮތުގެ މަތިން ތަހުގީގުގެ ހޯދުންތަކާއެކު އަނބުރާ ޕީޖީއަށް ފޮނުވަން ފުލުހުންގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެ މައްސަލާގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމާނީ ފުލުހުންގެ ތަހުޤީޤަށްފަހު އެކަމުގައި އަމަލުކުރަންޖެހޭ ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިން ކަމަށާއި ފުލުހުންގެ ތަހުޤީޤު ކުރިއަށްދާގޮތް ޕީޖީ އޮފީހުން ގާތުން ބަލަމުންދާނެ ކަމަށްވެސް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމެއް އިސްތިއުނާފުނުކޮށް، އަދި އެ ނިންމުމަށް އަމަލުނުކޮށް 45 ދުވަސް ފާއިތުވެއްޖެނަމަ، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅޭނެއެވެ.

އެގޮތުން އައި.ކޮމް. އޮފީހުން ރައީސް އޮފީހާ ދެކޮޅަށް ދައުވާ ކުރަން އެދިފައިވަނީ ކޮވިޑް ވެކްސިންތަކަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެދުމުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުދިނުމުގެ މައްސަލައެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން