ހއ. އަތޮޅު ކައުންސިލްގެ އިދާރާ
ހއ. އަތޮޅު ކައުންސިލްގެ އިދާރާ
ހއ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލެއް ބޭނުންނުވާކަމަށް އެކައުންސިލުން ފާސްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފްތާގައި ހއ. އަތޮޅު ކައުންސިލުންވަނީ ސެކްރެޓަރީ ޖެނަރަލެއް ބޭނުންނުވާކަމަށް ބަޔާންކޮށް ސިވިލް ސާރވިސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައެވެ. އަދި އެ ސިޓީއާއި ގުޅިގެން ކައުންސިލްގެ ރަސްމީ ނިންމުމެއް ފޮނުވުމަށް ކޮމިޝަނުގެ އިސް މުވައްޒަފަކު ކައުންސިލަށް ލަފާދީފައިވެއެވެ.

ސެކްރެޓަރީ ޖެނަރަލެއް ބޭނުންނުވާކަމަށް އެކައުންސިލުން ފާސްކޮށްފައިވަނީ 2024 ޖުލައި 23 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 129 ވަނަ އާންމު ޖަލްސާގައެވެ.

ހއ. ކައުންސިލުން މިގޮތަށް ފާސްކޮށްފައި މިވަނީ އެ ކައުންސިލަށް ސެކްރެޓަރީ ޖެނަރަލެއް ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން އިއުލާނުކޮށް އެ މަޤާމަށް ކެންޑިޑޭޓުން ކުރިމަތިލާފައި ވަނިކޮށެވެ.

ހއ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނަރަލެއް ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން އިއުލާނުކޮށްފައިވަނީ 2024 ޖުލައި 4 ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2024 ޖުލައި 14 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ހއ. އަތޮޅު ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ ކައުންސިލްތަކުގެ މާލީ ޒިންމާދާރުވެރިޔާ އަކީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ކަމަށެވެ.

ހއ. އަތޮޅު ކައުންސިލްގައި މާލީ ޒިންމާދާރު ވެރިއެއްނެތި ދައުލަތުގެ މާލިއްޔާއިން މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށް ހއ. އަތޮޅު ކައުންސިލުން ފިލިޕީންސްއަށް 2024 ޖޫން 25 ން ޖުލައި 04 އަށް ދަތުރު ކޮށްފައިވާތީ ރައްޔިތުން މަޖިލީހުގެ ނާއިބް ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މެންބަރު އަޙްމަދު ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

2024 ވަނަ އަހަރަށް ދައުލަތުގެ މާލިއްޔާއިން ބްލޮކް ގްރާންޓްގެ ގޮތުގައި ހއ.އަތޮޅު ކައުންސިލަށް ހަމަޖައްސާފައިވަނީ 14 މިލިޔަން ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން