ޕޯޓް އޮޕަރޭޝަންސްގައި މަސައްކަތްކުރާ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، މެނޭޖްމަންޓާއި މުވައްޒަފުންނާއި ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ މެނޭޖްމަންޓުން ޕޯޓުގެ ކާގޯ އޮޕަރޭޝަންސްގައި މިއަދު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފިއެވެ.

އެގޮތުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމާއި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ މިއަދު މާލޭ ވިޔަފާރި ބަނދަރަށް ވަޑައިގެން، ޕޯޓުގެ ކާގޯ އޮޕަރޭޝަންސްތަކުގެ އެކި މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ މިއަދު ކުންފުނީގެ އިސްވެރިންނާއެކު ފެއްޓެވި މި ޕްރޮގްރާމުން ކުންފުނީގެ ހުރިހާ ވެރިންނަށް ޕޯޓް އޮޕަރޭޝަންސްގެ މަސައްކަތުގެ މާހައުލުގައި ހުރި އުނދަގޫތައް ފެނި، އެ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"މީގެ އަނެއް ބޭނުމަކީ ބައެއްފަހަރު މުވައްޒަފުން ބަލިވުމާއި ޗުއްޓީ ނެގުމާއި ސަލާމް ބުނުމާއި ގުޅިގެން ކާގޯ އޮޕަރޭޝަންސްގެ މުވައްޒަފުން މަދުވާ ހާލަތެއްގައި އެހެން ދިމަ ދިމާތަކުން (އެހެން ޑިޕާޓްމަންޓްތަކުން) މުވައްޒަފުން ގެނެސްގެންވެސް މަސައްކަތަށް (ބޭނުންވާ އަދަދަށް މުވައްޒަފުން) ފިލް ކޮށްލުން. އެހެންކަމުން އަޅުގަނޑު މި ޔަގީންކުރަނީ ކުންފުނީގެ ކާގޯ އޮޕަރޭޝަންސް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މި ޕްރޮގްރާމާއި އެކު މުވައްޒަފުން މަދު ނުވާނެ ކަމަށް." ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.

ސީ.އީ.އޯ ވިދާޅުވީ އެމް.ޕީ.އެލްގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ކާގޯ އޮޕަރޭޝަންސްގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ހޯދަން ޖެހޭ ކަމަށް ޤަބޫލްފުޅުކުރައްވާ ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ކާގޯ އޮޕަރޭޝަންސްގެ އަމަލީ ތަޖުރިބާ ހޯދާ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން