ވިނަރެސް ފްލެޓްތައް
ވިނަރެސް ފްލެޓްތައް
ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގެ ތެރެއިން 3 ގިންތިއެއްގައި ލޯނު ދޫކުރެވޭނެކަމަށާއި އެއީ މާލެ ސިޓީގައި 6 މިލިޔަން ރުފިޔާއާ ހަމައަށް އަދި އާބަންސެންޓަރުތަކުގައި 3 މިލިޔަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައްކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ލޯނުތައް މެދުވެރިކޮށް ގެދޮރު އަލަށް އިމާރާތްކުރުމަށާއި، މަރާމާތުކުރުމަށާ އަދި ހަދަންފަށައި ނުނިމި ހުރިބައި ނިންމުންފަދަ ކަންކަން ކުރެވޭނެކަމުގައި ރައީސުލްޖުމްރިއްޔާ ވިދާޅުވިއެވެ.

ދާދިފަހުން ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މާލެ ސަރަހައްދުގެ ގެދޮރުވެރިކަމަށް ބޭނުންވާ ބިންތައް ގުޅައިލުމަށް ބާކީ އަޅަންޖެހޭ ދެ ބުރިޖުގެ މަސައްކަތްކުރުމަށް ގޮތްތަކެއް ހޯދާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން މިހާރު ކުރިޔަށްދާ ބުރިޖު އެޅުމުގެ މަޝްރޫޢުގައި ގިރާވަރުފަޅާއި ގުޅުވާލުމާއި ގިރާވަރު ފަޅުން އުތުރުތިލަފަޅަށް ގުޅުވާލުން ނުހިމެނޭކަން ފާހަގަކުރައްވައި އެ ދެތަނާ ގުޅުވާލާ ބުރިޖު އެޅުމަށް މިހާރު ވަނީ ޕްރޮޕޯސަލް ހުށަހެޅުމަށް ހަވާލުކުރެވިފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަމާޒަކީ އެ ދެ ބުރިޖުގެ މަސައްކަތްވެސް 2026 ވަނަ އަހަރު ފަށައި 2029 ވަނަ އަހަރުގެ ނިޔަލަށް އުތުރުތިލަފަޅާ ހަމައަށް ބުރިޖުން ގުޅާލުން ކަމުގައެވެ.

ބުރިޖު އުތުރުތިލަފަޅާ ހަމައަށް ގެންދަންޖެހެނީ، އުތުރު ތިލަފަޅަކީ އިޤްތިޞާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި ހިމެނޭ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢު ކުރިޔަށްގެންދާ ތަންކަމުގައި ވާތީކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫޢުގެ މަސައްކަތްވެސް އަލުން ފެށިފައިވާކަން ފާހަގަކުރައްވައި ޗައިނާގެ އެކިކަހަލަ ލުއި ލޯނުތަކުގެ އެހީގައި މި ދައުރުގެ ތެރޭގައި ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމުގައި ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން