އެޗް.އާރު.ސީ.އެމް. ގެ ބައެއް މެންބަރުން
އެޗް.އާރު.ސީ.އެމް. ގެ ބައެއް މެންބަރުން
ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން އަޒްމީލް ޖަލީލް ހައްޔަރުކުރަން 15 ޖުލައިގައި އޭނާ ދިރިއުޅޭ ގެއަށް ދިޔަ ފުލުހުންގެ ބޮޑީވޯން ކެމެރާގެ ފުޓޭޖް ޙިއްސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިއްޖެއެވެ.

އެޗް.އާރު.ސީ.އެމުން މިއަދު ބުނީ މުޙައްމަދު އަޒްމީލް ޖަލީލް ހައްޔަރުކުރުމަށް ފުލުހުން އެގެއަށްގޮސް ތިއްބާ، އެ ގޭގެ ކުޑަދޮރަކުން ނިކުމެ ފިލަން އުޅުމުގެ ތެރޭގައި މުޙައްމަދު އަޒްމީލް ޖަލީލް މަގުމައްޗަށް ވެއްޓި އަނިޔާވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ބުނާ ހާދިސާ އެންޓި-ޓޯޗަރ ޤާނޫންގެ ދަށުން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން މިހާތަނަށް އާއިލާގެ ފަރާތުން މަޢުލޫމާތު ހޯދައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަޢުލޫމާތު ހޯދުމަށް އެދިފައިވާނެ ކަމަށް އެޗް.އާރު.ސީ.އެމުން ވަނީ ބުނެފައެވެ.

“އަދި ހާދިސާ ހިނގިތަނަށް ޒިޔާރަތްކޮށް ސީ.ސީ.ޓީ.ވީ ފުޓޭޖް ހޯދަމަށް މަސައްކަތްކޮށް، ކަސްޓަޑީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖް ބެލުމުގެ އިތުރުން، މި ހާދިސާގައި ޙަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އޭގެ ފުޓޭޖް ޙިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެއެވެ. މީގެއިތުރުންވެސް، މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ އިތުރު މަޢުލޫމާތު ކޮމިޝަނުން ދަނީ ހޯދަމުންނެވެ.” އެޗް.އާރު.ސީ.އެމުން ބުނެފައިވެއެވެ.

އެޗް.އާރު.ސީ.އެމުން ބުނީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތުގައި، މި ހާދިސާ ހިނގުމުން އާއިލާއިންވެސް މުޙައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ގެންދިޔުމަށް އެދިފައިވަނިކޮށް، ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން މުޙައްމަދު އަޒްމީލް ޖަލީލް އެ ދުވަހުގެ މެންދުރު 02:45 ގައި މާލެ ކަސްޓަޑީއަށް ގެންދިޔުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލްއަށް އަރުވާފައިވަނީ 03:01 ގައި ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މުޙައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުންލަސްވުމަކީ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށާއި މީހަކު ހައްޔަރު ކުރުމުގެތެރޭގައި އަނިޔާއެއްލިބި ސިއްހީފަރުވާ ބޭނުންވާ ޙާލަތުގައި، އެފަރާތެއް ފުލުހުންގެ މަރުކަޒަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތަށް ލާފާދީފައިވާނެ ކަމަށް އެޗް.އާރު.ސީ.އެމްގެ ބަޔާނުގައި ވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ މި މައްސަލައިގެ ތަޙުޤީގު ވީހާވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ތަޙުޤީގު ނިމުމުން މައްސަލައިގައި ފާހަގަވާ ކަންކަން ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން