އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ގޫގުލްޕޭ އާއި ޓިކްޓޮކާއި ޔޫޓިއުބުން ފައިސާ ލިބޭނެގޮތް ހެދުމުގެ މަޝްވަރާތައް ދަނީ ކުރިއަށް ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ އީ-ވޮލެޓު މެދުވެރިކޮށް މާލީ މުއާމަލާތްތައް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އަދި އެކަމުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ތަފާތު އީ-ވޮލެޓުތައް ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޓިކްޓޮކުން ފައިސާ ލިބޭނެގޮތް ހެދުމަށްޓަކާ ޗައިނާ ސަރުކާރުގެ އެހީއާއެކު ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާއި ވާހަކަދައްކަން މިހާރު ފަށާފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ދާދިފަހުން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގައި ޔޫޓިއުބުން ފައިސާ ލިބޭނެ ގޮތް ހެދުމާއި ގުޅޭގޮތުންނާއި ގޫގުލްޕޭގެ ހިދުމަތާއި ގުޅޭގޮތުން ވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރެވުނު ކަމަށް ސަޢީދު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރަން ފެށޭނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

“އީ-ކޮމާސްގެ ތެރޭގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ރައީސްގެ މެނިފެސްޓޯ ވައުދެއްގެ ގޮތުން 8 މަސް ދުވަސްތެރޭގައި އަޅުގަނޑުމެންނަށް އާދެވިފައި ތިބި ހިސާބު މި ދެންނެވީ.” ސަޢީދު ވިދާޅުވިއެވެ.

މީގެ ކުރިން ސަޢީދު ވަނީ ރާއްޖޭގައި ޕޭޕެލްގެ ހިދުމަތް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެމެރިކާ އާއިއެކު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވެފައެވެ.

އަދި އީ-ވޮލެޓުތައް ރާއްޖެއަށް ތަޢާރަފްނުވެ އޮތް ސަބަބެއްގެ ގޮތުގައި ކުންފުނިތަކުން ދައްކަނީ ރާއްޖޭގެ މާކެޓު ކުޑަވުން ކަމަށާއި އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ ސްރީލަންކާއާއި ރާއްޖެއާއި އިންޑިއާ ނުވަތަ އެހެން ގައުމުތައް ކޮންބައިންކޮށްގެން ކުލަބުކޮށްގެން އެއް ޗެނަލަކުން ހިދުމަތްތައް ތައާރަފްކުރުން ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު ބޭރު ފައިސާ ޓްރާންސްފާ ކުރުމުގެ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭގޮތަށް ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކް ކޮށް މުއާމަލާތް ކުރެވޭގޮތް ހަމަޖައްސާފައިވާ ކަމަށް ބީ.އެމް.އެލް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން