ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ބިދޭސީންގެ މެޑިކަލް ފަސޭހައިން ހެއްދޭނެ ގޮތެއް ހަދައިދިނުމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ގޮވާލައްވައިފިއެވެ.

މެންބަރު އައްބާސް މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގެ ބަހުސްގައެވެ.

މި ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށައެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.

ބިލުގެ ބަހުސްގައި އައްބާސް މިއަދު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ވޯކް ޕާމިޓް ފީތައް ނުދައްކާ ވާހަކަ ދައްކާއިރު ރާއްޖޭގެ ޤާނޫނީ އުސޫލުތައް ހަމަޖެހިފައި އޮތީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ބިދޭސީންގެ ފީ ދެއްކުމަށް ބޭނުންވާ ލިޔެކިއުން ފުރިހަމަ ކުރުމަށްޓަކައި ފަސޭހައިން މެޑިކަލް ހެއްދޭ ގޮތަކަށް ނޫންކަމަށެވެ.

އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ގިނަ ބިދޭސީން އުޅެނީ އަލަށް ތަރައްގީ ކުރަމުންދާ ރިސޯޓުތަކާއި އަތޮޅުތެރޭގައި ކުރިޔަށްދާ މަޝްރޫޢުތަކުގައިކަން އައްބާސް ފާހަގަ ކުރެއްވިއެވެ.

ބިދޭސީންގެ ފީތަކާއި، ވޯކް ޕާމިޓު ނުދައްކާ ކުންފުނިތަކުގެ ލިސްޓެއް ސަރުކާރުން އާންމު ކޮށްފައިވާއިރު އެ ފައިސާ ދަޢުލަތަށް ނުލިބިވަނީ ކޮންޓްރެކްޓަރުންނަށް އެ ފައިސާ ދެއްކޭނެ ފަސޭހަ މަގެއް ނެތުމުންކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ބިދޭސީން ތިބޭ ސަރަހައްދެއްގައި އެކަށީގެންވާ އަގެއްގައި މެޑިކަލް ނުވަތަ އިންޝުއަރެންސް ނުހެއްދޭ ކަމަށާއި ވޯކްޕާމިޓުތައް ދެއްކުމަށް ކުންފުނިތަކަށް ދަތިވެ އެކަން ވިޔަވާރިވެރިން ސަރުކާރަށް ހިއްސާކޮށްފައިވާކަމަށް އައްބާސް މިއަދު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މެޑިކަލްގެ މަރުހަލާތައް ފުރިހަމަ ކުރުމަށް، އެކި ސަރަހައްދުތަކުން ނަގާ ފީގެ ތަފާތުތަކެއް ހުރިއިރު ކުޑައަގެއްގައި އެކަން ކުރެވެން އޮއްވައި، ބައެއް ރަށްތަކުގައި ހާހުން ރުފިޔާ ނަގާކަމަށް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލު ނުވެ އޮތީ ގާނޫނު ނެތިގެން ނޫންކަމަށާއި ސަރުކާރުތަކުގެ އިހުލާސްތެރިކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ކުރިއެރުމުގެ ވާހަކަވެސް ދައްކަންޖެހޭ ކަމަށް އައްބާސް މިއަދު ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ބިދޭސީން އެންމެ ގިނަ ޢަދަދަކަށް ޙަރަކާތްތެރިވަމުން ދަނީ ކޮންސްޓްރަކްޝަން ދާއިރާގައި ކަމަށާއި އެހެންނަމަވެސް ކޮންޓްރެކްޓަރުންނަށް ދިމާވާ މައްސަލަތައް އަޑުއަހައި އެކަން ހައްލުކޮށްދޭން އެއްވެސް ބަޔަކު މަސައްކަތް ނުކުރާ ކަމަށެވެ.

އެހެންކަމުން އެފަދަ ކަންކަމަށް އަވަސް ޙައްލެއް ހޯދައިދިނުމުން ބިދޭސީންގެ މައްސަލައަށްވެސް ޙައްލު ލިބިގެންދާނެ ކަމަށް އައްބާސް މިއަދުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން