ކުރީގެ ނައިބު ރައީސް ޢަބްދުالله ޖިހާދު
ކުރީގެ ނައިބު ރައީސް ޢަބްދުالله ޖިހާދު
ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެމައްސަލަ އިސްތިއުނާފް ކުރުމަށްޓަކައި ދިރާސާ ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.

ކ. ފުށިދިއްގަރުފަޅުގެ މައްސަލާގައި ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ކޮރަޕްޝަންގެ ދަޢުވާގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ތަޙުގީގުގައި މަސައްކަތްކޮށްފައި ނުވާތީ އެމައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި އިތުރަށް ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި އިސްތިއުނާފްގެ މުއްދަތު އަންނަ މަހު ހަމަވުމުގެ ކުރިން އެ މައްސަލާގައި ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ.

ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެޜަރީގެ މަގާމުގައި ހުންނެވި ޢަބްދުالله ޖިހާދުގެ މައްޗަށް ދަޢުލަތުން ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގައެވެ. އެ ދަޢުވާއަށް ޖިހާދު ވަނީ އިންކާރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އެމައްސަލަ ބޭރުކޮށްލަމުން ބުނެފައިވަނީ އޭސީސީން މައްސަލަ ތަހުގީގުކޮށް ނިންމިތާ 4 އަހަރު ފަހުން ރިޔާސީ ކޮމިޝަނުން މައްސަލައިގެ ތަހުގީގު ފެށި ސަބަބު ޖިހާދަށް ސާފުކޮށްދީފައިވާ ކަމާމެދު ސުވާލު އުފެދޭކަމަށެވެ.

އަދި މައްސަލައިގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ހެކިބަހުގެ ސައްހަކަން ކަށަވަރު ކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށާއި މައްސަލައިގެ ތަހުގީގުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަ ނުވާތީ މައްސަލަ ވަނީ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައެވެ.

ދަޢުލަތުން ޖިހާދުގެ މައްޗަށް އުފުލާ ދަޢުވާއަކީ ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމާއި ޚިލާފަށް ޖިހާދު ޢަމަލު ކުރެއްވި ކަމަށެވެ. އެގޮތުން ސަރުކާރުގެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.

އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާންޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.

ޕީޖީން ބުނެފައިވާ ގޮތުން ޖިހާދުގެ މި ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604،713،750 އެމެރިކާ ޑޮލަރު އުނިވެފައި ވާކަމަށެވެ.

މިމައްސަލަ މީގެ ކުރިން 2013 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ނަމަވެސް އޭރު އެ ކޮމިޝަނުން ނިންމީ މި މުއާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށެވެ. އެގޮތަށް އޭސީސީން ނިންމީ 2016 ވަނަ އަހަރު އެވެ.

ޖިހާދަކީ ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ މިހާރުގެ ޗެއާޕާސަނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން