އުމުރުން 50 އަހަރުގެ އައިރީން ޓޭން- ގޫގުލް ފޮޓޯސް
އުމުރުން 50 އަހަރުގެ އައިރީން ޓޭން- ގޫގުލް ފޮޓޯސް
އަންހެނަކު 1630 ކިލޯމީޓަރު ކަޑައްތު ކޮށް، ސިންގަޕޫރުން އިންޑޮނޭޝިއާގެ ރަށަކަށް ބައިސްކަލެއްގައި އެކަނި މާއެކަނި ދަތުރު ކޮށްފިއެވެ.

އުމުރުން 50 އަހަރުގެ އައިރީން ޓޭން އަކީ ކުޑަކުދިންނަށް ކިޔަވައިދޭ މުދައްރިސެކެވެ. އޭނާއަކީ ބައިސްކަލު ދުއްވުމަށާއި، ތާރީހީ އެކި ކަންކަމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. މިދިޔަ އަހަރު އޭނާ ވަނީ އޭނާ ޝައުގުވެރިމިވާ ދެކަން ކުރުމުގެ ގޮތުން ދިގު ރާސްތާއެއް ކަޑައްތު ކޮށް ސިންގަޕޫރުން އިންޑޮނޭޝިއާއަށް ބައިސްކަލެއްގައި ދަތުރު ކޮށްފައެވެ. ދާދި ފަހުން އޭނާ ވަނީ ސީއެންއޭގެ ޖާނަލިސްޓަކާ މިދަތުރާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ.

އައިރީން ބުނެފައިވާ ގޮތުގައި އޭނާ ބައިސްކަލު ދުއްވަން ފަށާފައިވަނީވެސް އުމުރުން 40 އަހަރުތަކުގައެވެ. އަދި އެއުމުރުގައި ފުރަތަމަ ފަހަރަށް ބައިސްކަލް ދުއްވަން ފެށީވެސް ހަށިގަނޑު ބަލިކަށިކޮށް ހުންނާތީ، އެކަމުން އަރައިގަނެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރެ، ހެލިފެލިވެ އުޅުމުގެ ބޭނުމުގައި ކަމަށް އޭނާ ބުނެއެވެ.

އޭނާ ބުނީ ތައިވާނުގައި 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ރިކްރިއޭޝަނަލް ބައިސްކަލް ދަތުރެއްގައި އޭނާ ބައިވެރިވި ކަމަށާއި، އެ ދަތުރަށްފަހު އެކަމަށް އިތުރަށް ޝައުގުވެރިވެ ބައިސްކަލް ކުލަބު ތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.

މި ދަތުރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ އޭނާ މި ދިގު ރާސްތާ ކަޑައްތު ކޮށް މި ދަތުރު ކޮށްފައިވަނީ އިންޑޮނޭޝިއާގައި ހުންނަ ބަގަންސިއާޕީއާޕިގައި ހުންނަ އޭނާގެ ކާފަގެ އުފަން ރަށް ހޯދުމަށާއި، އޭނާގެ އަމިއްލަ އާއިލާއާ ބެހޭ މައުލޫމާތު ހޯދުމަށް ކަމަށެވެ. އޭނާ ބުނިގޮތުގައި އޭނާގެ ކާފަ ދުނިޔޭގައި ހުރި އިރު، ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގައި ސިންގަޕޫރަށް ދިރިއުޅުން ބަދަލު ކުރުމުގެ ކުރިން، އުފަން ރަށް ކަމަށްވާ ބަގަންސިއާޕީއާޕީގައި ދިރިއުޅުނު އިރު ކުރިމަތިވި ތަފާތު ކަންތައްތަކުގެ ވާހަކަ އޭނައަށްވަނީ ކިޔައިދީފައެވެ.

އެހެންކަމުން، އިންޑޮނޭޝިއާއާއި އަދި އެގައުމުގެ ބަގަންސިއާޕީއާޕިއާ ބެހޭ މައުލޫމާތު ހޯދަން ޝައުގުވެރިވީ ކަމަށްވެސް އައިރީން ވަނީ ބުނެފައެވެ.

މި އިންޓަވިއުގައި އައިރީން ބުނެފައިވަނީ 1900 ގެ އަހަރުތަކުގެ ކުރީކޮޅު ސުމަޓްރާގައި އުޅުނު ޗައިނާގެ އާއިލާތަކާ ބެހޭ ގޮތުން އިންޓަނެޓުން ފެނުނު ކޮންމެ އެއްޗެއް އޭނާ ވަރަށް ރަނގަޅަށް ކިޔާފައިވާ ކަމަށެވެ. އަދި އޭނާގެ އާއިލާގެ އެކި މީހުން ކައިރިން އިންޑޮނޭޝިއާގައި އުޅުނު ގޮތާއިބެހޭގޮތުން ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށާއި، އެމީހުންގެ ފަރާތުންވެސް އެތައް ކަމެއް އެނގުނު ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނާއަށް އަޑުއިވުނު ވާހަަކަތަކުގެ ސަބަބުން އެ ރަށަށް ދާން ވަރަށް ބޮޑަށް ބޭނުންވި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އެހެންވެ، ސިންގަޕޫރުން އިންޑޮނޭޝިއާއަށް ބައިސްކަލުގައި ދަތުރު ކޮށްފައި ދިއުމަށް ނިންމީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ ސިންގަޕޫރުން އިންޑޮނޭޝިއާއަށް އޭނާ އެކަނި ބައިސްކަލުގައި ދިއުމަށް ނިންމި ވާހަކަ ރައްޓެހިންނާއި އާއިލާ މީހުން ގާތު ބުނުމުން އެންމެންވެސް ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. ނަމަވެސް އެކަންބޮޑުވުންތަކަށް ފަރުވާލެއް ނުބަހައްޓައި އޭނާ މިކަން ކުރަން ބޭނުން ވީ ކަމަށް އޭނަަ ވަނީ ބުނެފައެވެ.

އައިރީން އިތުރަށް ބުނެފައިވަނީ މިއީ އޭނާ މިގޮތަށް އެކަނި ކުރި ފުރަތަމަ ދަތުރު ކަމުން ވަރަށް ރަނގަޅަށް ދަތުރު ޕްލޭން ކޮށް ގޫގުލް މެޕްސްގައި އޭނާ ދަތުރު ކުރަންޖެހޭ މަގުތަށް ފާހަގަކޮށް ތައްޔާރުވި ކަމަށެވެ. އަދި ސްކޫލުން އެއްމަސް ދުވަހުގެ ޗުއްޓީއެއް ނަގައި، އެ ދަތުރު ފެށި ކަމަށްވެސް އޭނާ ވަނީ ބުނެފައެެވެ.

އައިރީން މި ދަތުރު ސިފަކޮށްދީފައިވަނީ އަމިއްލަ ނަފްސު ދެނެގަންނަން ލިބުނު ފުރުސަތެއްގެ ގޮތުގައެވެ. އޭނާ ބުނެފައިވަނީ އެއީ ވަރަށް އުފާވެރި ދަތުރެއް ކަމަށާއި، އޭނާ އެ ދަތުރު ދިއުމާމެދު ފޯރި ހުރި ވަރުން އެ ދަތުރުގައި އެހާ ވަރުބަލި ކަން އިހުސާސް ނުކުރެވޭ ކަމަށެވެ. އަދި ބަގަންސިއާޕިއާޕީ އަށް ގޮސް އެތާގައި ދިރިއުޅޭ މީހުންގާތު ސުވާލުކޮށް އެތަނުގެ ތާރީހީ ކަންތައް ހޯދާ ބެލި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ އޭނާއަށް ހޯދުނު ތާރީހީ ހޯދުންތަކުން ހަނދާންކޮށްދިނީ އޭނާގެ ބައްޕަގެ ކާބަފައިން އެމީހުންގެ ދަރިފަސްކޮޅަށް ރަނގަޅު ދިރިއުޅުމެއް ހޯދުމަށް ވެފައިވާ ގުރުބާނީތަކާއި ކޮށްފައިވާ ބުރަ މަސައްކަތެވެ. އޭނާ އިތުރަށް ބުނެފައިވަނީ މި ދަތުރުގައި އޭނާއަށް އެކި ކަންކޮޅުތަކުން އެތައް ރަހްމަތްތެރިން ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ ޓޯބާ ކޯރު ކައިރިން ދުއްވާފައި ގޮސް އޭނާއަށް މަގު އޮޅުނު ކަމަށާއި، އެހެން ދިޔަ އާއިލާއަކަށް އޭނާ ނުފެނުނު ނަމަ އެދުވަހު ޖަންގައްޔަށް ގެއްލި، ކޮންމެފަދަ ކަމެއްވެސް ކުރިމަތިވީސް ކަމަށެވެ. އައިރީން ބުނެފައިވަނީ މި ދަތުރުގައި އެއްވެސް ކަހަލަ ނުރައްކާތެރި އެކްސިޑެންޓެއް ކުރިމަތިވެފައި ނުވީނަމަވެސް ވަރަށް ގިނަ ފަހަރަށް މަގުމަތިން ދިޔަ ފިރިހެނުންގެ ފުރައްސާރަތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ މި ދަތުރުގައި އޭނާގެ ކާބަފައިން ދިރިއުޅުނު ރަށާ ބެހޭ އެތައް މައުލޫމާތެއް އޭނާއަށް ލިބުނު ކަމަށާއި، އެކަންތައް ހަމަ ލޮލުން ފެނުމުގެ ފުރުސަތު އޭނާއަށް ލިބުނީތީ އެކަމާ ޝުކުރުވެރިވާކަމަށެވެ.

އައިރީން އެނބުރި ސިންގަޕޫރަށް ގޮސްފައިވަނީ ވައިގެ މަގުންނެވެ. އޭނާ ބުނެފައިވަނީ އެ ދަތުރަކީ އޭނާގެ ހަޔާތުގައި ކުރިމަތިލި އެންމެ ބޮޑު "އެޑްވެންޗަރ" ކަމަށާއި، އެކަން ކުރެވުނީތީ ވަރަށް ފަހުރުވެރިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން