ރައީސް ޑރ. މުޢިއްޒު (ކ) އާއި ފުޢާދު ތައުފީޤު (ވ)
ރައީސް ޑރ. މުޢިއްޒު (ކ) އާއި ފުޢާދު ތައުފީޤު (ވ)
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުޢާދު ތައުފީޤުގެ ބަޔޯގްރަފީ، "ގޮތުގައި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ވެދުން ކުރަށްވައިފިއެވެ.

މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ވެދުން ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތް އިފުތިތާހުކޮށްދެއްވާފައެވެ.

ލިޔުންތެރިޔާ އަޙްމަދު ސާއިލް ޢަލީ ލިޔުއްވާފައިވާ 190 ސަފުހާގެ މި ފޮތުގައި، ޤައުމީ ޚިދުމަތްތެރިޔާ ފުޢާދު ތައުފީޤުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް ތަފުސީލާއެކު ހިމެނެއެވެ. އެގޮތުން ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން ފުޢާދު އިސްވެ ހުންނަވައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ދުވަސްވަރުން ފެށިގެން ސާކް ސެކްރެޓޭރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ވާހަކަތައް މިފޮތުގައި ހިމެނެ އެވެ.

އޭގެއިތުރުން އިލެކްޝަންސް ކޮމިޝަނުގައި ފުޢާދު ކުރެއްވި އާދަޔާޚިލާފު މަސައްކަތްތަކާއި، ތަޖުރިބާތައްވެސް މި ފޮތުގައި ހިމަނާފައިވެއެވެ.

ފުއާދު ތައުފީޤު ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ ފެބުރުވަރީ 1973 ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގައެވެ. އަދި 2007 ވަނަ އަހަރާއި ހަމައަށް ހުންނެވީ އެއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

ފުއާދު ތައުފީޤަކީ 2008 އިން 2009 އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2009 ވަނަ އަހަރުގެ ސެޕްޓެމްބަރ 15 ގައި ފުއާދު އީސީގެ ރައީސްކަމަށް އިންތިޚާބު ކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ސޫމޯޓޯ މައްސަލައެއް ބައްލަވައި އީސީގެ ރައީސް ކަމުން ފުއާދު ވަކިކުރީ 2013 ވަނަ އަހަރުއެވެ.

އޭގެފަހުން މިދިޔަ ސަރުކާރުގައި އީސީގެ މެމްބަރު ކަމަށް ފުއާދު އައްޔަން ކުރެއްވީ 2019 ނޮވެމްބަރު 24ގައެވެ. އަދި އެކޮމިޝަންގެ ރައީސްގެ މަގާމަށް ފުއާދު ތައުފީގު އައްޔަނު ކޮށްފައިވަނީ 15 ސެޕްޓެމްބަރ 2021ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން