ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
މާލޭގެ ހުސް ބިންތަކުގައި ބައެއް މީހުން ގުރޫޕް ހަދައިގެން ތިބޭއިރު މާސްކް ނާޅާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

އެންއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބުދުލްމަތީން އަބުދުލް ކަރީމް ވިދާޅުވީ މާލޭގެ ހުސް ބިންތަކުގައި ގުރޫޕް ހަދައިގެން ތިބޭއިރު މާސްކް ނާޅާ ތިބޭކަން ފާހަގަކުރެވޭ ކަމަށެވެ. ފަސް މީހުންނަށް ވުރެ ގިނައިން ގުރޫޕް ހަދައިގެން ތިބުން މަނާކޮށްފައިވީނަމަވެސް އެއަށްވުރެ ގިނަ މީހުން ވެސް ތިބޭ ތަން ފެންނަ ކަމަށާއި އެފަރާތްތަކަށް ނަސޭހަތްތެރިވަމުންދާ ކަމަށް މަތީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަމިކުރެވެނީ ހަވީރުގެ ވަގުތުގައި އަދި މީނޫން ގަޑިތަކުގައި ހުސް ބިންތަކުގައި ހާއްސަކޮށް ހުޅުމާލޭގައި ވެއްޖެއްޔާ ބީޗް ހުސް ބިން ޕާކްތަކުގެ ތެރޭގައި އަޅުގަނޑުމެން ތިބޭއިރު ފަސް މީހުންނަށް ވުރެ ގިނައިން ތިބޭތަން އެބަ އާދޭ. އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުން ހުރި ކަންތައްތަކެއް، ބީޗް ތަކުގައި ބައެއް ފަހަރު ތިބޭ ގުރޫޕްތައް ބައެއް ފަހަރު އެކުވެ ވާހަކަ ދައްކަން ތިބޭ ތަން އެބަ އާދޭ، އެވަގުތުތަކުގައި އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ގިނަ ވަގުތުތަކުގައި މާސްކް ނާޅާ ތިބޭ ތަން، އެގޮތަށް ހޭދަކުރާ ވަގުތު މާސްކް ނާޅާ އުޅޭ ވަގުތު ވީހާވެސް މަދުކޮށް ކަންކަން ބެހެއްޓުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކުރަން." މަތީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޭތުވެ ދިޔަ ސައްވީސް ގަޑިއިރު ތެރޭގައި މާސްކް ނާޅައި ބޭރުގައި އުޅުނު 65 ފަރާތަކަށް ނަސޭހަތްދީ 40 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މާސްކް ނާޅައިގެން މިހާތަނަށް 1896 ފަރާތަކަށް ނަސޭހަތްދީފައިވާއިރު 591 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް މަތީން ވިދާޅުވިއެވެ. މީގެ އިތުރުން މަނާ ގަޑީގައި ބޭރުގައި އުޅެގެން 187 ފަރާތަކަށް ނަސޭހަތްދީފައިވާއިރު 83 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް މަތީން ވިދާޅުވިއެވެ. އެގޮތުން މަނާގަޑީގައި ބޭރުގައި އުޅެގެން މިހާތަނަށް 1065 މީހަކަށް ނަސޭހަތް ދީފައިވާއިރު 527 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަނާގަޑީގައި ބޭރުގައި އުޅޭމީހުން މިހާރު ފުދޭ ވަރަކަށް މަދުކަމަށް މަތީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން