ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙްމަދު
ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙްމަދު
ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ބިދޭސީންގެ މައްސަލާގައި މިއަދު މަޖިލީހުގައި ދެއްކެވީ ނުރައްކާތެރި ވާހަކައެއް ކަމަށް ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީ.އެން.ސީގެ މެންބަރު ޙުސައިން ވިދާޅުވީ ޒަވާޖީ ހަޔާތުގެ ތެރެއިންވެސް މިއަދު ދިވެހިވަންތަކަން ގެއްލެމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ގިނަވާނީ ހާފް މޯލްޑިވިއަނުން ކަމަށެވެ. އަދި އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް މެންބަރު ޙުސައިން ވިދާޅުވިއެވެ.

މެންބަރު ޙުސައިންގެ ވާހަކަތަކަށް ރައްދު ދެއްވަމުން މެޑަމް ފަޒްނާ މިއަދު ވިދާޅުވީ ބިދޭސީންނާ ކައިވެނި ކުރުމަކީ ޤާނޫނާ ޤަވާއިދުގައި ދިވެހީންނަށް ހުއްދަ ކަމެއް ކަމަށެވެ. އެހެންކަމުން އެމީހުންގެ ދަރީންނާމެދު ތަފާތުކުރުމުގެ ވިސްނުން ގެންގުޅޭ ފަރާތްތައް ޤާނޫނު ހަދާ މަޖިލީހުގައި ތިއްބެވުމަކީ ނުރައްކާތެރި ކަމެއްކަމަށް ފަޒްނާ ވިދާޅުވެފައިވެއެވެ.

“އެމީހުންގެ ދަރިންނާ ދޭތެރޭ މިކަހަލަ ތަފާތު ކުރުމުގެ ނަޒަރަކުން ބަލާ މީހުން ޤާނޫނު ހަދާ މަޖިލީހުގައި ތިބުމަކީ ނުރައްކާ ކަމެއް.” މެޑަމް ފަޒްނާ ވިދާޅުވެފައިވެއެވެ.

ވަޒީފާއާ ބެހޭ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުގެ ބަހުސްގައި މެންބަރު ހުސައިން މިއަދު ވިދާޅުވީ ދިވެހިންގެ ޒަވާޖީ ހަޔާތުގެ ތެރެއިން ދިވެހިވަންތަކަން ގެއްލެމުން ދިއުމަކީ ދިވެހިންގެ އާދަކާދަ އާއި ސަޤާފަތާއި ދިވެހިންގެ ޙުއްބުލް ވަތަންގެ ދިވެހިވަންތަކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ދިވެހިންގެ ޤައުމީ މަސްލަޙަތާއި ބިދޭސީންގެ މައްސަލަ ގުޅިފައިވުމަކީ މިއަދުގެ ޙަޤީޤަތް ކަމަށާއި އަދި މިއަދު އެވާހަކަތައް ދެއްކުމަކީ ދިވެހިންގެ ވާޖިބެއް ކަމަށްވެސް މަޖިލީހުގެ ޖަލްސާގައި ޙުސައިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން