ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް-- ފޮޓޯ/ ސަންގު
ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް-- ފޮޓޯ/ ސަންގު
ނިމިގެން ދިޔަ 19 ވަނަ މަޖިލީހުން ފެނުނު ފަދަ ހުތުރު މަންޒަރުތައް މި ހިނގާ 20 ވަނަ މަޖިލީހުން ނުފެންނާނެ ކަމަށް ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ މަޖިލީހާއި އޭގެ ކުރިން 18 ވަނަ މަޖިލީހުން ވެސް ވަނީ ވަރަށް ހުތުރު މަންޒަރުތައް ފެނިފަ އެވެ.

އެގޮތުން މެމްބަރުން މާރާމާރީ ހިންގުމާއި ހަޑި ހުތުރު ބަސްތައް ބޭނުންކުރުން ފަދަ ކަންކަމާއި ބުލީ ކުރުން ފަދަ ކަންކަން މަޖިލިސް މެމްބަރުންގެ ކިބައިން ފެނިގެންގޮސްފައި ވެއެވެ.

ރޭ އެސްއެސްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި މެމްބަރު ރިޔާޒް ވިދާޅުވީ މަޖިލީހުގެ އާ އާންމު ގަވައިދު ފާސްކުރި އިރު މެމްބަރުންގެ އަހުލާގު ހިފަހައްޓަން އޮތީ ވަރަށް ބޮޑަށް އިސްކަން ދީފައި ކަމަށެވެ.

އެ ގަަވައިދުގައި ވަނީ ސުލޫކީ މިންގަނޑެއް ހިމަނާފައެވެ. އަދި ސުލޫކީ މިންގަނޑާ ހިލާފުވާނަމަ އަމަލުކުރާނެ ގޮތްތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ސަސްޕެންޑް ކުރެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މެމްބަރު ރިޔާޒް ވިދާޅުވި އެއާއެކު ކުރީގެ މަޖިލީހުން ފެނުނު ކަންކަން ދެން ނުފެންނާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ޝައްކެއްވެސް ކުރާނެ ކަމެއް ނޫން. އެ ޔަގީންކަން އަޅުގަނޑު ދެން އެފަދަ ވިޔާނުދާ އަމަލުތަކެއް އަޅުގަނޑުމެން ޅަދަރިން ޓީވީ ބަލަން ތިބޭ އިރު މި 20 ވަނަ މަޖިލީހުން ފެނުގެން ނުދާނެ" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދި މިހާތަނަށް މި ހިނގާ 20 ވަނަ މަޖިލިސް ހިނގަމުންދަނީ ވަރަށް އަމާން އޮމާންކޮށް ކަމަށާއި އަދި ބަހުސްތައް ދަނީ ވަރަށް ތަހުޒީބީކޮށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން