ތިލަދުންމަތި އުތުރުބުރީ އުލިގަމުގައި މެރިޓައިމް ޚިދުމަތްތައް ދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އާއި އުލިގަމު ކައުންސިލްއާމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އުލިގަމު ކައުންސިލްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކުޓިވް އޮފިސަރ މުޙައްމަދު ވަޖީހް އިބްރާހިމްއެވެ. އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު މުޢާޒް މުޙައްމަދުއެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އިން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްޤީކޮށް، ޔޮޓްތަކަށް ބޭނުންވާ ޚިދުމަތްތައް އުލިގަމުން ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތައް ޤާއިމްކުރާނެ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއވެ.

މި ރަސްމިއްޔާތުގައިި އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ، އުލިގަމުގައި ޔޮޓް މެރީނާ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށުމުން ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް، ޚިދުމަތް ފޯރުކޮށްދޭން ފެށޭނެ ކަމަށެވެ. އަދި މިހާރު ކޮންސެޕްޓްވެސް ހަދައި، އިންވެސްޓަރުންނާ މަޝްވަރާކުރެވެމުންދާ ކަމަށް މަޖީހް ވިދާޅުވިއެވެ.

"ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް އެއީ ދިވެހިރާއްޖޭގައި މެރިޓައިމް ސެކްޓަރ ވަރަށް ބޮޑަށް ފުޅާކުކުރުން. އުލިގަމަކީ ޒަމާނުންސުރެ، އާދަޔާ ހިލާފަށް ގިނަ ޔޮޓް ފަހަރު ޒިޔާރާތް ކުރާ ރަށެއް. ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދު ފަހަރަށް ބޭނުންވާ ޚިދުމަތްތައް މި ރަށުން ފޯރުނުކޮށްދެވޭތީ،" ވަޖީހް ވިދާޅުވިއެވެ.

"އެހެންވެ އަޅުގަނޑުމެން މި ބެލީ ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ފުރަތަމަ ފަހަރަށް އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމްކުރަން. ކޮންސެޕްޓް ހަދާ ނިމި، އިންވެސްޓަރުންނާ ވާހަކަދައްކަމުން މި ދަނީ. މާލަސްތަކެއް ނުވެ ގަބޫލްކުރެވޭނީ މި އަހަރުގެ ތެރޭގައި (އަމަލީ) މަސައްކަތްތައް ފެށިގެންދާނެކަން. އޭރުން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ." ވަޖީހު އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޖީހް ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމްގެ ޚިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތްވެސް އެމްޕީއެލް އިން ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ޚިދުމަތުންވެސް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

"ޕޯޓް ފެސިލިޓީ ފެށުމަށް ކަސްޓަމްސް، އެމްއެންޑީއެފް، އިމިގްރޭޝަން އަދި ޕޯޓް ހެލްތަށް ބޭނުންވާ އޮފީސް ޖާގަ މި ފޯރުކޮށްދެނީ އެމްޕީއެލް އިން. މި މަހުގެ 10އަށް މި އޮފީސް ޖާގައިގެ މަސައްކަތްތައްވެސް ނިމި، މުވައްޒަފުން ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ،" ވަޖީހް ވިދާޅުވިއެވެ.



މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުލިގަމު ކައުންސިލްގެ ރައީސް މުޢާޒް ވިދާޅުވީ، ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްޤީކުރުމަކީ އެ ރަށުގެ ރައްޔިތުން ދުވަސްވީ ހުވަފެނެއް ކަމަށެވެ.

"މި ރަށަށް ރާއްޖޭން ބޭރުގެ އުޅަނދު ފަހަރު ނާންނަ ދުވަސްވަރެއް ހަނދާން ނުނެތޭ. ޔޮޓް ފަހަރަށް ޚިދުމަތް ދެވޭނެ ގޮތެއް ހޯދުމަށް ވޭތުވެރިޔަ ސަރުކާރުތަކާ ވާހަކަދައްކައިގެން މަސައްކަތްކުރެވުނު. ވޭތުވެދިޔަ ސަރުކާރުތަކުން ސަރުކާރަކުން (ޔޮޓް މެރީނާއެއް ނެތިގެން) އަޅުގަނޑުމެން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބައެއް ނުދެއްވާ. މި ރަށަށް މި ފުރުސަތު ފަހިކޮށްދެވިކަމަށްޓަކައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމްޕީއެލްއަށް ޝުކުރު އަދާކުރަން،" މުޢާޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން