ރައީސް ޔާމީނަށް ލިބެންޖެހޭ އެންމެ އަސާސީ ހައްގުތަކުން މަހުރޫމްކޮށް، ކުރިއަށްގެންދާ ޝަރީއަތަކީ އެމަނިކުފާނަށް ދެވޭ ބޮޑު އަނިޔާއެއް ކަމުގައި ރައްޔިތުންގެ މަޖިލީގު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު 10 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަށް ކަށަވަރު ނުކޮށްދީ ވަކި ގޮތަކަށް ކުރިއަށް ގެންދާ ޝަރީއަތަކީ އެމަނިކުފާނަށް ދެވޭ އިތުރު އަނިޔާއެއްކަމަށެވެ. ޤާނޫނީ ވަކީލުންނާއި ބައްދަލުވެވޭނެ ގޮތެއް ނެތި ޝަރީއަތް ބޭއްވުމަށް ތާވަލްކޮށްފައިވާއިރު މިއީ ޤާނޫނީ ގޮތުންވެސް ކުރާ ބޮޑު ކުށެއްކަމުގައި ސައީދު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ޝަރީއަތް. އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާއި ބައްދަލުވާނޭ މަގު ބަންދުކުރުމަށްފަހު، ރައްޔިތަކަށް ލިބިގެންވާ އެންމެ އަސާސީ ހައްގު ތަކުންވެސް މަހުރޫމް ކުރުމަށްފަހު ކުރިއަށް ގެންދިއުމަކީ ދެވޭ ބޮޑުއަނިޔާއެއް" ސައީދު ވިދާޅުވިއެވެ.

ޤާނޫނޫ އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ 53 ވަނަ މާއްދާގައި ބުނެފައިވަނީ ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އެއީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހާއަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު ޢައްޔަން ކޮށްދޭން ވާނެކަމަށް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން ޕީޕީއެމް އާއި ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޔާމީންގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ، އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅޭ އަޑުއެހުމެއް ތާވަލު ކުރުމަކީ، ޔާމީނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި އެއީ އަނިޔާވެރިކަމެއް ކަމަށާއި އެ ގޮތް ދޫކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރަން ސަރުކާރަށް ގޮވާލާ ކަމަށް ބުނެފައިވެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ތުހުމަތުކޮށް، އެ މަނިކުފާނަށް އިތުރު ދައުވާތަކެއް އުފުލައިފައިވެ އެވެ. އެއީ މޯލްޑިވްސް މާކެޓިން ޕަބްލިކްސް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާ އެކެވެ. މި ދެ ދައުވާއާ ގުޅޭ ޝަރީއަތް މިއަދަށް ވަނީ ތާވަލް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން