ޤާނޫނު އަސާސީން ބަންދުގައި ތިބޭ މީހުނަށް ކަށަވަރުކޮށްދޭ ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ނުދެއްވައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހިންގަވަމުންދަނީ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމުގައި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މޫދަށް އެރިވަޑައިގަތުމަށް ޓްރެކެއް އެޅުމުގެ މަސައްކަތް ކުރައްވާކަމަށް ވަޒީރު އިމްރާން ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެފަދަ އެއްވެސް ކަމަކަށް އެދިފައި ނުވާނެކަމަށެވެ. މިއީ ސީދާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިސްވެ ހުންނަވައިގެން ރައީސް ޔާމީންގެ އަބުރު ކަތިލުމަށްކުރައްވާ މަސައްކަތްތަކެއްކަމަށް ޖަމީލް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ މައްޗަށް އެތައް ދައުވާ ތަކެއް އުފުލަމުން ދާއިރު، ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތުނުދީ އަބުރު ކަތިލަން އިމްރާން އަބްދުﷲ ކުރައްވަނީ ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލެއް. ރައީސް ޔާމީން ފަތަން ޓްރެކެއް އަދި އެހެން ކަމަކަށް ވެސް ރިކުއެސްޓް ނުކުރައްވާ. އެންމެނަށްވެސް ލިބޭ ހައްގުތައް ލިބެންޖެހޭ." ޑރ. ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ ބުދަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅާއި ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ ޔާމީނަށް ފެއްތެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައިވާކަމަށް ވާހަކަ ދެކެވުނު ނަމަވެސް ޖަމީލް ވަނީ އެކަން ދޮގު ކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ މާފުށި ހިއްކަން ފެށުމުގެ ސަބަބުން މޫދަށް އެރެން އޮތް ތަނަށް ވަރަށް ބާރު އޮއިވަރެއް އަންނަ ކަމަށާއި އެކަން އެގޮތަށް އޮއްވައި އެތަނަށް މޫދަށް އެރެން ޔާމީނަށް ފުރުސަތު ދޭން ނުކުރެނޭކަން އިދިކޮޅު ފަރާތްތަކަށް މީގެކުރިން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެތަނުގައި ކޮންމެވެސް ވަރެއްގެ ޓްރެކެއް ހަދާފައި އެ އިންތިޒާމު ހަމަޖައްސައިދޭނެކަން އިދިކޮޅު ފަރާތްތަކަށް އަންގާފައިވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ މުޅިން އާ ދެ މައްސަލައެއްގައި މިއަދު ޝަރީއަތް ބޭއްވުމަށް ތާވަލް ކޮށްފައިވާއިރު އެމަނިކުފާނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ވަކީލުންގެ ފުރުސަތު ނުދެއްވާކަމަށް ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ދިވެހިން

16-Aug-2020

އަބުރެއްއޮތްނަމަތާ ކަތިލެވޭނީވެސް!



ޓްރެންޑިން