ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ކ) އާއި ޑރ މުޙައްމަދު އިޔާޒް (ވ)
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ކ) އާއި ޑރ މުޙައްމަދު އިޔާޒް (ވ)
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޕީ.އެޗް.ޑީ ސެޓްފިކެޓްގެ ޞައްޙަކަމާމެދު އުފައްދަމުންދާ ޝައްކުތަކަށް ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަޠީފް އާއި ޝެއިޚް އިލްޔާސް ޙުސައިން ރައްދު ދެއްވައިފިއެވެ.

ޑރ. ޝަހީމްގެ ޕީއެޗްޑީ ސެޓްފިކެޓްގެ ޞައްޙަ ކަމާމެދު މީސްމީޑީއާގައި ރައްޔިތުން ސުވާލު އުފައްދަން ފަށާފައިވަނީ ޑރ. ޝަހީމްގެ ތީސީސް އަލުން އިސްލާޙު ކުރުމަށް ޔުނިވަރސިޓީން އަންގާފައިވާ ކަމަށް ބުނާ ލިޔުމެއް ޙަސަން ކުރުސީ މީސް މީޑިއާގައި ޙިއްސާ ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމަށް ކުރިމަތިވަމުންދާ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ 2013 ވަނަ އަހަރު އޭނާ އާއި ޑރ. ޝަހީމް އާއި ޑރ މުނީޒާ ދަސްވެނިމުނީ އެކީގައި ކަމަށެވެ. އަދި ޑރ. ޝަހީމްގެ ޢިލްމީ ފެންވަރާއި ހުނަރުވެރިކަމަކީ އެކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައޮތްކަމެއް ނޫން ކަމަށް ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

“ޕީއެޗްޑީ ގައި ޑރ. ޝަހީމް ފާސްވެފައިވަނީ (ކުދި އިޞްލާޙު ތަކާއި އެކު), މިއީ މަދު ކެންޑިޑޭޓެއް ފިޔަވާ ހުރިހާ ބޭފުޅުންނަށް ވެސް ލިބޭނެ އެންމެ މަތީ މާރކްސް. ވީމާ، ޕީއެޗްޑީ ވައިވާ އިން ފާސް ނުވާ ކަމަށާއި ގެންގުޅުއްވަނީ ފޭކް ސެޓްފިކެޓެއްކަމަށް ދެކެވޭ ވާހަކައަކީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކައެއް.” ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ޑރ. އިޔާޒް ވަނީ މާއިދާ ސޫރަތުގެ 8 ވަނަ އާޔަތުގެ މާނަ މުޖުތަމަޢުގެ ސަމާލުކަމަށް ގެންނަވާފައެވެ.

"ތިޔަބައިމީހުންގެ މެދުގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ ތިޔަބައިމީހުން ޢަދުލުވެރިނުވުމަށް ބާރުއަޅާކަމެއް ކަމުގައި ނުހަދާށެވެ. ތިޔަބައިމީހުން ޢަދުލުވެރިވާށެވެ. އެގޮތް ތަޤްވާވެރިކަމާއި ގާތެވެ."

މި މައްސަލާގައި ޑރ. ޝަހީމްގެ ދިފާޢުގައި ނިކުންނަވައި ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވީ ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދުގެ ޝަޚުސިއްޔަތު ކިލަނބު ކުރަން ބަޔަކުމީހުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ކިތަންމެ ވަރަކަށް ފެތުރިޔަސް ﷲގެ ވާގިފުޅާ ލައިގެން އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

“އަޅުގަނޑު ޑރ. ޝަހީމް ސެޓްފިކެޓް ޙާސިލުކުރި ޖަލްސާއަށް ޙާޟިރުވިން. ﷲ ޑރ. ޝަހީމަށް ކެތްތެރިކަން ދެއްވައި ސާބިތުކަން ދެއްވާށި! އަދި ޙަސަދަވެރިންނާއި މަކަރުވެރިންގެ ނުބައިރޭވުންތަކުން ސަލާމަތްކުރައްވާށި! އާމީން!” ޝައިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.

ޑރ. ޝަހީމްގެ ޕީއެޗްޑީ ސެޓްފިކެޓްގެ ޞައްޙަ ކަމާމެދު މީސްމީޑީއާގައި ސުވާލުތައް އުފައްދަމުން ގެންދާއިރު މިކަމުގައި ޑރ. ޝަހީމް މިހާތަނަށް ރަސްމީކޮށް އެއްވެސް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން