ތޮއްޖެހިފައިވާ މާލޭގައި ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، މާލޭގައި ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައަކާ ބެހޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން މިއަދު ހެނދުނު ގެއެއް ބަލައި ފާސްކޮށް، ގަވާއިދާޚިލާފަށް އެތަނުގައި ދިރިއުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާއިރު، މިކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަަމަށެވެ.

މި ރެއިޑްގެ މައުލޫމާތު ހިއްސާކުރަމުން އިމިގްރޭޝަނުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބިދޭސީން ކައްކާ ތަނެއް ފެނެއެވެ. އަދި އެތަނުގައި އާންމުކޮށް ދިވެހިން ސައިބޯން ބޭނުން ކުރާ ކުދި ގުޅަ، އަތުޖެހި، ތެލުލިފަތް، ކިއްލި ފަދަ ތަކެތި ތައްޔާރުކޮށް ޕެކެޓްތަކަށް އަޅައި ބަންދުކޮށްފައިވާ މަންޒަރު ފެނެއެވެ.

މީގެ ކުރިންވެސް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް" އަށް ރިޕޯޓު ކުރާ ތަންތަން ބަލައި އެތަނުގައި ގަވާއިދާޚިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަނެފައެވެ. އަދި މިފަދަ ތަންތަނުގެ ފޮޓޯތައްވެސް ހިއްސާކުރުރަމުން ދާއިރު ގިނަ އަދަދެއްގެ ބަޔަކަށް ކެއުން ތައްޔާރުކުރާ ތަންތަނުގެ ފޮޓޯތައްވެސް ވަނީ ހިއްސާކޮށްފައެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރުމަށް ރައްޔިތުން ދޭ އެއްބާރުލުމަށް ޝުކުރުކުރާ ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް މިފަދަ މައްސަލަތައް ރިޕޯޓު ކުރުމަށް ރައްޔިތުންގެ ފަރާތުން އެދޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ގަވާއިދާޚިލާފަށް ވިޔަފާރިތަކުގައި ޝާމިލުވާ ބިދޭސީން ހޯދުމަށް މި ސަރުކާރުން ހިންގި ރެއިޑްތަކުގެ އަދަދު މިއަދާ ހަމައަށް 200 އަށްވުރެ މައްޗަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން