ދިގު މުއްދަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ޝެއިޚް ހަސީނާ އިސްތިއުފާދެއްވުމަށްފަހު ޤައުމުން ފިއްލަވައިގެން ވަޑައިގަތުމާ ގުޅިގެން، ނޯބަލް ސުލްޙައިގެ އިނާމު ލިބިވަޑައިގެންފައިވާ މުޙައްމަދު ޔޫނުސް ވަގުތީ ސަރުކާރެއް ހިންގެވުމާ ހަވާލުވެވަޑައިގަންނަވަން އޭދޭކަމަށް ބަންގްލަދޭޝްގެ ދަރިވަރުންގެ މުޒާހަރާގެ އިސްވެރިން ބުނެފިއެވެ.

ސަރުކާރުގެ ވަޒީފާތަކުގައި ކޯޓާ ކަނޑައެޅުމާ ދެކޮޅަށް ފެށުނު މުޒާހަރާތައް ސަރުކާރާ ދެކޮޅު ޤައުމީ ބޮޑު އިންޤިލާބަކަށް ބަދަލުވެގެން ދިޔަ ހަރަކާތުގައި އިސްކޮށް މަސައްކަތްކުރި 26 އަހަރުގެ ސޯޝިއޮލޮޖީ ދަރިވަރު ނާހިދު އިސްލާމް ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ބުނެފައިވަނީ ވަގުތީ ސަރުކާރު ހިންގެވުމަށް ޔޫނުސް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މާދަމާ ހެނދުނުގެ ކުރިން މި މަސައްކަތް ފެށިގެން ދިއުން. ވީހާވެސް އަވަހަކަށް ޑރ. ޔޫނުސްގެ އިސްނެންގެވުމުގެ ދަށުން ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ ފިޔަވަޅު އެޅުއްވުމަށް އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަން" އިސްލާމް ހޯމަ ދުވަހުގެރޭ ބުންޏެވެ.

މިއަންނަ އަންގާރަ ދުވަހު، އިހުތިޖާޖުތައް އިންތިޒާމުކުރި ފަރާތްތަކާއި ސިފައިންގެ އިސްވެރިންނާ ދެމެދު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ބަންގްލަދޭޝްގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިސްލާމް ބުނެފައިވަނި ސިފައިން އިސްނަގައިގެން އުފައްދާ ސަރުކާރެއް ދަރިވަރުން ގަބޫލުނުކުރާނެ ކަމަށެވެ. "އަޅުގަނޑުމެން ލެއިން ގުރުބާންވެފައިވަނީ، ޝަހީދުވެފައިވަނީ. އައު ބަންގްލަދޭޝްއެއް ބިނާކުރުމަށް އަޅުގަނޑުމެން (ދަރިވަރުން) ވީ ވަޢުދު ފުއްދަންޖެހޭނެ" އޭނާ ބުންޏެވެ.

"ދަރިވަރުން ހުށަހަޅާ ސަރުކާރު ނޫން އެހެން އެއްވެސް ސަރުކާރެއް ގަބޫލެއް ނުކުރެވޭނެ. ސިފައިންގެ ސަރުކާރެއް، ނުވަތަ ސިފައިން ބާރުދޭ ސަރުކާރެއް، ނުވަތަ ފެސިސްޓުންގެ ސަރުކާރެއް ގަބޫލެއް ނުކުރެވޭނެ."

84 އަހަރުގެ ޔޫނުސްއަށް 2006 ވަނަ އަހަރު ނޯބަލް ސުލްހައިގެ އިނާމު ލިބިވަޑައިގަތީ އޭނާ ކުދި ލޯނު ދޫކުރުމުގެ ނިޒާމު ފެއްޓެވުމުންނެވެ. "ފަގީރުންގެ ބޭންކަރު" ގެ ނަމުން މަޝްހޫރުވެފައިވާ ޔޫނުސްއާ ދެކޮޅަށް ބަންގްލަދޭޝްގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، ހަސީނާގެ ވެރިކަމުގައި އޭނާ ޝަރީޢަތަށް ގެންދެވުނެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކަކީ ސިޔާސީ ބޭނުމަށް ކުރެވުނު ތުހުމަތުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫނުސްގެ ތަރުޖަމާނަކު ބުނިގޮތުގައި، ވަގުތީ ސަރުކާރުގެ ލަފާދޭ ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުމަށް ދަރިވަރުން ހުށަހެޅި ހުށަހެޅުން ޔޫނުސް ވަނީ ގަބޫލުކުރައްވާފައެވެ. މިކަން ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ. ޕެރިހުގައި ކުޑަ މެޑިކަލް ޕްރޮސީޖަރއެއް ނިންމުމަށްފަހު ޔޫނުސް ބަންގްލަދޭޝްއަށް "ވަގުތުން" އެނބުރި ވަޑައިގަންނަވާނެ ކަމަށް ތަރުޖަމާނު ބުނިކަމަށް ރޮއިޓަރސްއިން ބުނެފައިވެއެވެ.

އަލްޖަޒީރާ ނޫހުގައި، އެ ނޫހުގެ ނޫސްވެރިޔާ ތަންވީރު ޗައުދުރީ ރިޕޯޓުކޮށްފައިވާ ގޮތުގައި، "ތަފާތުކުރުންތަކާ ދެކޮޅަށް ދަރިވަރުން" ކުރިއަށް ގެންދިޔަ އިހުތިޖާޖީ ހަރަކާތުން ވެރިރަށުގެ އަމާންކަމާއި ހަމަޖެހުމަށް ގޮވާލުމާ ގުޅިގެން، މިއަދު (އަންގާރަ) ވެރިރަށަށް ފާހަގަކުރެވޭ މިންވަރަކަށް އަމާންކަން އައިސްފައިވެއެވެ. އެހެންނަމަވެސް، ވަކި މިންވަރެއްގެ ހަލަބޮލިކަން އަދިވެސް ދެމިއޮތްކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަލްޖަޒީރާގެ ޗައުދުރީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހުގެ ހެނދުނު ދަރިވަރުންގެ ހަރަކާތުން އިތުރު ނަންތަކެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އަދި އެފަރާތުގެ "މައިގަނޑު މަޤްޞަދު" ވަނީ އެއްވެސް މަޝްވަރާއަކަށް ޖާގަ ނުދޭ ގޮތަށް ސާފުކޮށް ކަނޑައަޅާފައެވެ. މީގެ އިތުރުން، ޗައުދުރީ ބުނެފައިވާ ގޮތުގައި "ހުށަހަޅާ ނަންތައް ގަބޫލުނުކުރެވިއްޖެ ހާލަތެއްގައި، ދަރިވަރުން އަލުން މަގުމައްޗަށް ނުކުތުމަކީ އެކަށީގެންވާ ކަމެއް" ކަމުގައެވެ.

ހޯމަ ދުވަހު ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ބަންގްލަދޭޝްގެ ސިފައިންގެ އެންމެ އިސްވެރިޔާ ޖެނެރަލް ވަޤާރުއްޒަމާން ވިދާޅުވެފައިވަނީ، ޤައުމުގައި އިތުރަށް ފެތުރެމުންދާ ހަމަނުޖެހުން ހުއްޓުވުމަށް ސިފައިން މަސައްކަތްކުރަމުންދާއިރު، އޭނާ ވަގުތީގޮތުން ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ.

ޖެނެރަލް ވަޤާރުއްޒަމާން އިތުރަށް ހާމަކުރެއްވި ގޮތުގައި، ހަސީނާގެ އަވާމީ ލީގު ފިޔަވައި އެހެނިހެން މައިގަނޑު ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވާފައިވާ ކަމަށާއި، އަދި ވަގުތީ ސަރުކާރަކުން ބަންގްލަދޭޝް ހިންގާނެ ކަމަށް އިޢުލާނުކުރައްވާފައިވެއެވެ.

މީގެ އިތުރުން، ޖުލައި މަހުގެ މެދުތެރެއިން ފެށިގެން ބަންގްލަދޭޝްގެ އެކި ސަރަޙައްދުތަކުގައި މަދުވެގެން 135 މީހުން މަރުވެފައިވާ ހާދިސާ ތަޙުޤީޤު ކުރައްވާނެ ކަމަށްވެސް އޭނާ ވަޢުދުވެވަޑައިގަތެވެ. މި ހާދިސާއަކީ 1971 ވަނަ އަހަރު ބަންގްލަދޭޝް މިނިވަންވި ފަހުން އެ ޤައުމުގައި ހިނގި ލޭއޮހޮރުވުން އެންމެ ގިނަ އެއް ހާދިސާ ކަމުގައި ބެލެވެއެވެ. "ދައުލަތުގެ ސަލާމަތީ ބާރުތަކުގެ މައްޗަށް އިތުބާރުކުރައްވާ. އަޅުގަނޑުމެން މި ހުރިހާ މަރުތަކެއް ތަޙުޤީޤުކޮށް، ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅާނަން" އޭނާ ވިދާޅުވިއެވެ.

ވަގުތީ ސަރުކާރުން އަވަސް ފުރުޞަތެއްގެ ތެރޭގައި އާ އިންތިޚާބެއް ބާއްވާނެ ކަމަށް ބަންގްލަދޭޝްގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ޝަހާބުއްދީން ޢިއުލާން ކުރެއްވިއެވެ.

މީގެ އިތުރުން، އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޗެއަރޕާސަން އަދި ޝެއިޚް ހަސީނާގެ ސިޔާސީ ވާދަވެރިޔާ ބޭޣަމް ޚާލިދާ ޒިޔާ ވަގުތުން މިނިވަންކުރުމަށް "އެއްބަސްވެވިފައިވާ" ކަމަށް ރައީސް ޝަހާބުއްދީން ހާމަކުރެއްވިއެވެ. ޚާލިދާ ޒިޔާ ވަނީ 2018 ވަނަ އަހަރު ކޮރަޕްޝަންގެ ކުށުގައި ޙުކުމްކުރެވި ޖަލަށް ލެވިފައެވެ. ނަމަވެސް، އޭގެ އަހަރެއްފަހުން އޭނާގެ ޞިއްޙީ ޙާލަތު ގޯސްވުމާ ގުޅިގެން ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ. އޭނާގެ މައްޗަށް ކުރެވުނު އެންމެހައި ތުހުމަތުތަކަކީ ޙަޤީޤަތާ ޚިލާފު ތުހުމަތުތަކެއް ކަމަށް ޚާލިދާ ޒިޔާ ވަނީ ވިދާޅުވެފައެވެ.

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރ ވޯލްކަރ ޓަރކް ވިދާޅުވެފައިވަނީ، ބަންގްލަދޭޝްގައި ވެރިކަން ބަދަލުވުމުގެ މަރުޙަލާ ކުރިއަށް ގެންދަންވާނީ "އެ ޤައުމުގެ ބައިނަލްއަޤްވާމީ އިލްތިޒާމުތަކާ އެއްގޮތްވާ ގޮތުގެ މަތިން" އަދި "ބަންގްލަދޭޝްގެ އެންމެހައި ރައްޔިތުންގެ މަޝްވަރާއާއި ބައިވެރިވުން ހޯދައިގެން" ކަމަށެވެ.

ފާއިތުވި މަހު ފެށުނު މުޒާހަރާތައް ފުރަތަމަ ކުރިއަށް ގޮސްފައިވަނީ ޞުލްޙަވެރިކަމާ އެކުގައެވެ. ސަރުކާރާ ދެކޮޅަށް އަޑުއުފުލި ދަރިވަރުން ގޮވާލާފައިވަނީ، ދައުލަތުގެ ވަޒީފާތަކަށް މުވައްޒަފުން ހޮވުމުގައި ޢަމަލުކުރަމުންދާ ކޯޓާ ނިޒާމު އުވާލުމަށެވެ. މި ދަރިވަރުންގެ ދަޢުވާއަކީ މި ނިޒާމުގެ ސަބަބުން މަންފާ ލިބެމުންދަނީ ހަސީނާގެ އަވާމީ ލީގް ޕާޓީއާ ގުޅުންހުރި ފަރާތްތަކަށް އެކަނި ކަމަށެވެ.

ނަމަވެސް، އޭގެ ފަހުން ފުލުހުންގެ ފަރާތުން އަޅަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ބެލުމެއްނެތި، ޞުލްޙަވެރިކަމާއެކު ފެށިގެންދިޔަ މި އިހުތިޖާޖީ ހަރަކާތް، ވެރިކަމުގައި ހުންނެވި ހަސީނާއަށް މީގެ ކުރިން ކުރިމަތިވެފައިނުވާ ފަދަ ގޮންޖެހުމަކަށް ބަދަލުވެގެން ދިޔައެވެ

ހޯމަ ދުވަހު، އިހުތިޖާޖުކުރި ފަރާތްތަކުން އަސްކަރީ ކަރފިއުއާ ޚިލާފުވެ، ވެރިރަށުގެ މައި މަރުކަޒަށް އަރައި، ވެރިކަމުގެ ރަސްމީ ގަނޑުވަރުގައި ހުޅުޖަހައި، ޕާލަމެންޓު އިމާރާތްދޮަށަށް އެއްވެ އެތަނުގެ ބޭރުގައި "އިންސާފު" މި ލިޔުން ޖަހާފައިވާ ބޮޑު ފޮތިގަނޑެއް ދެމިއެވެ.

މީގެ އިތުރުން، ހަސީނާގެ ބައްޕަ، ޤައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބަޠަލު، ޝެއިޚް މުޖީބުއްރަޙްމާން އަވަހާރަކޮށްލި ތަން ކަމަށްވާ، މިހާރު ދާރުލްއާސާރަކަށް ބަދަލުކޮށްފައިވާ އެއާއިލާގެ މުސްކުޅި ގެއަށް ހަމަލާދިނެވެ.

މި ހާދިސާތައް ހިނގަމުންދިޔައިރު، އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، ހަސީނާ ނިއު ދިއްލީ ކައިރީގައިވާ އަސްކަރީ ވައިގެ ބަނދަރަކަށް ޖައްސައި، އިންޑިއާގެ ޤައުމީ ސަލާމަތީ ލަފާދޭ އަޖިތު ދޯވަލްއާ ބައްދަލުކުރިއެވެ. އަދި އޭނާ ރައްކާތެރި ތަނަކަށް ގެންދެވި، އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ފުރުސަތު އޮތްކަމަށްވެސް ޚަބަރުލިބެއެވެ.

އިންޑިއާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝްގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، މިއަދު (އަންގާރަ ދުވަހު) އެގައުމުގެ ބަރުލަމާނުގައި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން