17 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން ދިޔަ ބަންގްލަދޭޝްގެ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރު ޚާލިދާ ޒިއާ ގޭބަންދުން މިނިވަންކޮށްފިއެވެ.

ޚާލިދާ ޒިއާ ގޭބަންދުން މިނިވަން ކޮށްފައި މިވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަގާމުން ޝެއިހް ހަސީނާ އިސްތިއުފާ ދެއްވައި ފިއްލެވިތާ އެއްދުވަސް ވެސް ނުވަނީސް އެވެ. އިދިކޮޅު ލީޑަރު މިނިވަން ކުރި ކަން ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީންގެ އޮފީހުން ވަނީ އިއުލާންކޮށްފައެވެ.

ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޗެއާޕާސަނަކަށް ހުންނެވި، އުމުރުފުޅުން 78 އަހަރުގެ ޚާލިދާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ދެ ފަހަރެއްގެ މަތިން ކުރައްވައިފައެވެ. އޭގެ ފަހުން ޚާލިދާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވެގެން 2018 ވަނަ އަހަރު އޭނާއަށް 17 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.

ޖަލުހުކުމް ތަންފީޒުކުރައްވަމުން ގެންދަނިކޮށް އެއް އަހަރު ފަހުން، އެކަމަނާ އަށް ސިއްހީ މައްސަލަތަކެއް ދިމާވެގެން ހޮސްޕިޓަލްގައި ފަރުވާ ވެސް ހޯއްދަވަން ޖެހިވަޑައިގަތެވެ.

ޚާލިދާއަކީ އެންމެ ފުރަތަމަ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރެއްވި އަންހެން ބޭފުޅާއެވެ. އެގޮތުން ޚާލިދާ އެންމެ ފުރަތަމަ ބަންގްލަދޭޝްގެ ވެރިކަމަށް ވަޑައިގަތީ 1991 ވަނަ އަހަރުގައެވެ.

ޚާލިދާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު ކަމުގައި ވިޔަސް، އެ ތުހުމަތުތައް އެކަމަނާ ވަނީ ދޮގު ކުރައްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން