ރާއްޖޭގެ ޝަރުޢީ ދާއިރާގެ މުހިންމު އިދާރާތަކެއް ހިނގަމުންދާ ކުރީގެ ތީމުގެ އިމާރާތް
ރާއްޖޭގެ ޝަރުޢީ ދާއިރާގެ މުހިންމު އިދާރާތަކެއް ހިނގަމުންދާ ކުރީގެ ތީމުގެ އިމާރާތް
ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޖިނާއީ މައްސަލަތަކުގައި ސިއްރު ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި މިވަނީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރެވުނު ތުހުމަތަކާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށް، ހައި ކޯޓުގެ އެހުކުމުގައި ފާހަގަކޮށްފައިވާ ސިއްރު ހެއްކާބެހޭ ބައި، ބާތިލް ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެކޯޓަށް ހުށައެޅި މައްސަލައެއް ބެލުމަށްފަހުއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، އެހެން ޑިމޮކްރަޓިކް ގައުމުތަކުގައި ސިއްރުން ހެކިބަސް ނަގާ އުސޫލުން އަޑު ބަދަލު ކޮށްގެން އަދި ކާކުކަން ނޭނގޭ ގޮތަށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ހެކިބަސް ނަގަން ހުށަހަޅައިފި ނަމަ، އެއާ މެދު ގޮތްތަކެއް ކޯޓުން ނިންމިދާނެ ކަމަށެވެ. އަދި ސިއްރު ހެކިނަގާނެ ގޮތުގެ ގާނޫނެއް ނުވަތަ އުސޫލެއް ނެތުމަކީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ނުދެވޭނެ ސަބަބެއް ނޫން ކަމަށާއި، ސިއްރު ހެކިބަސް ނުނެގި، އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ގެއްލުނަ ނުދިނުމަށް ސިއްރު ހެކިބަސް ނެގޭނެ ކަމަށް އެހުކުމުގައި ބުނެފައިވެއެވެ.

މިމައްސަލައަށް ގާނޫނީ ހައްލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދެ ގޮތަކަށް އަމަލު ކުރެވިދާނެ ކަމަށް ސްޕްރީމް ކޯޓުގެ ޙުކުމްގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާ އާއި ހެއްކާބެހޭ ގާނޫނަށް ހަވާލާދީފައިވާ ކަންކަމުގެ ތަފްސީލްތައް ހެއްކާބެހޭ ގާނޫނަށް ހަވާލާދިނުމަކާ ނުލައި، އެގާނޫނުގައި ހިމެނުމާއި، ހެއްކާބެހޭ ގާނޫނު އިސްލާހުކޮށް، އެއިސްލާހުގައި ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި އެގާނޫނާ ހަވާލާދީފައިވާ ކަންކަމުގެ ތަފްސީލް ހިމެނިދާނެ ކަމަށް ސްޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޒަމާނަށް އަންނަ ބަދަލުތަކާއެކު، ޖިނާއީ ކުށްކުރުމުގެ ވައްޓަފާޅިއާއި އެކުށްކުށާ ގުޅިގެން ހިންގޭ ތަހުގީގުތަކާއި، އެތަހުގީގުތަކުގައި ހެކި ހޯދުމަށް ކުރަންޖެހޭ މަސައްކަތާއި ހޯދޭ ހެކިތައް ބަދަލުވަމުން އަންނަ ކަމަށް ސްޕްރީމް ކޯޓުގެ ޙުކުމްގައިވެއެވެ. އަދި ޝަރީއަތް ކުރުމުގައި ހެއްކާބެހޭ ކަންކަމުގައި ކުރެވޭ ބަހުސްތައް މިވަނީ ގިނަވެފައިކަމަށާއި، މިބަދަލުތަކާއި ހާލަތްތަކަށް ރިއާޔަތްކުރެވޭނެ ހެއްކާބެހޭ ގާނޫނެއް މިވަނީ އިހުނަށްވުރެ ބޮޑަށް ބޭނުންޖެހިފައި ކަމަށްވެސް، ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެެވެ.

މިމައްސަލަ އާއި ގުޅިގެން ހައިކޯޓުން ކުރި ޙުކުމްގައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނު މިހާރު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށެވެ. ސަބަބަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށް ވެފައި، ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ހެއްކާބެހޭ ގާނޫނުގައި ނެތުން ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެެވެ.

މިމައްސަލައިގައި ދައުލަތުން ސްޕްރީމް ކޯޓުގައި އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ 149 ވަނަ މާއްދާގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގޭނީ، ހެއްކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮންނަންޖެހޭ ހާލަތުގައި ކަމަށް ބަޔާންކޮށް، ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާ ގޮތެއް ނުވަތަ ގޮތްތަކެއް ނެތްކަމަށް އެގާނޫނަށް ބެލުމުން އެނގެން އޮތް ކަމަށް ނިންމާފައިވަނީ ޝައުރީ އަދި ގާނޫނީ އުސޫލާ ހިލާފަށްކަމަށް ކަނޑައަޅައި ދެއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން