ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله
ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤާނޫނު އަސާސީއަށް 16 އަހަރު ފުރުމުގެ މުނާސަބަތުގައި މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދުގެ ޖަލްސާގައި އަބްދުއްރަޙީމް ވިދާޅުވީ މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުއަސާސީއަކީ 2004 ވަނަ އަހަރުން ފެށިގެން އެތައް ރައްޔިތުންނެއް މިންނެތް މަސައްކަތްތަކެއް ކޮށްގެން އެކުލަވާލެވުނު ޤާނޫނު އަސާސީއެއް ކަމަށެވެ.

އެހެންކަމުން ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތުގައި އުޅުއްވި ހާއްސަ މަޖިލީހުގެ މެންބަރުންނަށާއި ރިޔާސަތު ބެލެހެއްޓެވި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމަށް އަބްދުއް ރަޙްމާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހަމައެއާއެކު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް ރައްކާތެރިކޮށް ކަށަވަރު ކޮށްދިނުމަށާއި ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން އަބްދުއްރަޙީމް ވަނީ ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.

“ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިޔަތު މިމަޖިލީހުން އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން.” އަބްދުއް ރަޙީމް ވިދާޅުވިއެވެ.

މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ފާސްކޮށްފައިވަނީ 26 ޖޫން 2008 ގައެވެ. އަދި ޤާނޫނު އަސާސީ ތަސްދީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވަނީ 30 ޖޫން 2008 ގައެވެ.

މި ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް 2008 ވަނަ އަހަރުގެ އޮގަސްޓަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:32 ގައެވެ. މިއީ ރާއްޖޭގެ ތާރީޚްގައި އެކުލަވާލެވުނު 7 ވަނަ ޤާނޫނު އަސާސީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން