ހުކުރު ދުވަހު ބްރެޒިލްގެ ސައޯ ޕައުލޯ ސްޓޭޓުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް 62 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގި ވިންހެދޯ ސިޓީގެ މޭޔަރާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، މި ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެވެސް ވަނީ މަރުވެފައެވެ.

ވެއްޓުނު މަތިންދާބޯޓަކީ ބްރެޒިލްގެ ވޯޕާސް އެއަރލައިން އިން ދުއްވާ ފްރާންސްގައި އުފައްދާފައިވާ އޭޓީއާރު 72-500 މަތިންދާބޯޓެކެވެ. މި މަތިންދާބޯޓު ދަތުރުކުރަމުން ދިޔައީ ދެކުނު ޕަރަނާ ސްޓޭޓުގެ ކަސްކަވެލްއިން ސައޮ ޕައުލޯގެ ގުއަރުލްހޯސް ބައިނަލްއަޤްވާމީ ވައިގެބަނދަރަށެވެ.

ވޯޕާސް އެއަރލައިންއިން ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި، ސާއޯ ޕައުލޯގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ގުއަރުލްހޯސްއަށް ދަތުރުކުރަމުންދިޔަ އެ އެއާލައިންގެ މަތިންދާބޯޓެއް ވިންހެދޯ ސިޓީގެ މީހުން ދިރިއުޅޭ ސަރަހައްދެއްގެ ތެރެއަށް ވަނީ ވެއްޓިފައެވެ. އެ މަތިންދާބޯޓުގައި 58 ފަސިންޖަރުންނާއި 4 ފަޅުވެރިން ތިބިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް މި ހާދިސާ ހިނގި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.

ދެކުނު ބްރެޒިލްގައި ބޭއްވުނު ހަފްލާއެއްގައި، އެ ގައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ އެ ޚަބަރު ހިއްސާކުރެއްވިއިރު، އެތަނުގައި ތިބި މީހުންނަށް ކޮޅަށް ތެދުވެ އެއް މިނެޓުގެ ސުކޫތެއް ގެނައުމަށް އެދިވަޑައިގެންނެވިއެވެ. އަދި ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން މަރުވެފައިވާކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން، އެ މަތިންދާބޯޓު ވައިގެތެރޭގައި އެނބުރެމުން އެނބުރެމުން ގޮސް ބިންމައްޗަށް ވެއްޓެމުންދިޔަ މަންޒަރު ފެނެއެވެ. އަދި ބިންމައްޗަށް ވެއްޓި ހަލާކުވެފައިވާ މަތިންދާބޯޓުގެ ބައިތައް އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ.

އަލިފާން ނިއްވާ މީހުންނާއި، މިލިޓަރީ ފުލުހުންނާއި، އަދި ގައުމުގެ ސިވިލް ޑިފެންސް އޮތޯރިޓީން މިހާރު އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދު މިހާރު ވަނީ އާއްމުންނަށް ނުވަދޭވޭ ގޮތަށް ބަންދުކޮށްފައެވެ. ފެޑެރަލް ފުލުހުންގެ ޑިރެކްޓަރ ޖެނެރަލް، އަންދްރޭ ޕަސޮސް، ވިދާޅުވި ގޮތުގައި ތަޙްޤީޤު އަދި ފޮރެންސިކް ޓީމެއް، ކާރިސާގައި މަރުވި މީހުން ދެނެގަތުމުގެ މާހިރުންނާއެކު އެ ސަރަހައްދުގައި މަސައްކަތްކުރަމުން އެބަދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން