އައްޑޫ ސިޓީ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް
އައްޑޫ ސިޓީ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް އެމްޑީޕީން ވަކިކުރަން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވައިފި އެވެ.

ރައީސް ނަޝީދު އެ ހުށައެޅުއްވުން ހުށައެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕް އަދި އެމްޑީޕީގެ ޕީޖީ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު އެގުުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ "ރޮޒައިނާ އާދަމް އެމްޑީޕީގެ މެމްބަރު ކަމުން ވަކި ކުރުމަށް އަޅުގަނޑު ހުށަހަޅަން." ކަމަށެވެ.

ރައީސް ނަޝީދު އެ ގޮތަށް ހުށައެޅުއްވުމުން ތޮއްޑޫ ދާއިރާގެ މެންބަރު ޝިޔާން އެކަމަށް ވަނީ ތާއީދު ކުރައްވާފައެވެ. އިތުރު އެއްވެސް މެންބަރަކު އެކަމަށް އެއްޗެއް ވިދާޅުވެފައި ނުވާ ކަމަށްވެއެވެ. އެމްޑީޕީން ރޮޒައިނާ ވަކިކުރުމަށް ރައީސް ނަޝީދު ހުށައަޅުއްވާފައި މިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅުއްވުމަށް ރައީސް ނަޝީދު އިސްވެ މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.

ރައީސް ނަޝީދުގެ އެ މަސައްކަތްޕުޅަށް ވަރަށް ފާޅުގައި ދެކޮޅު ހައްދަވައި އެކަމަށް ރޮޒައިނާ ވަނީ ފާޑުވިދާޅުވެފައެވެ. ރޮޒައިނާއަކީ ސަރުކާރުގެ ވިސްނުމާ ދެކޮޅަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްތަކާ ވެސް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެކެވެ. އެކަމާއި ގުޅިގެން ރައީސް ނަޝީދަށް އިޚުލާސްތެރި އެމްޑީޕީގެ އެކްޓިވިސްޓުންނާ ރޮޒައިނާއާއި ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ވަނީ ބަދަލުކޮށްފައެވެ.

ދާދިފަހުން ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމެއްގައި އެއްފަހަރާ ދެ ރައީސުންނަކަށް ވެރިކަން ނުކުރުވޭނެ ކަމަށާއި އޭނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި ޕާޓީގެ ލީޑަރަކީވެސް ރައީސް ސޯލިހް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީ ސަރުކާރެއް އޮއްވާ މަޖިލީހުގައި އެމްޑީޕީއިން އިދިކޮޅު ޕާޓީއަކަށް ހެދިގެން އުޅުން ބަލައިނުގަނެވޭ ކަމަށާއި އެއީ ބޮޑުވަރު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އޭނާ އަކީ ޔެސް ބޮސް ކިޔައިގެން ހުންނާނެ މީހެއް ނޫން ކަމަށާއި، ބުނަންޖެހޭ އެއްޗެއް ބުނާނެ ކަމަށާއި ވާ އެއްޗެއް ވިޔަސް މައްސަލަ އެއް ނެތް ކަމަށް ވެސް ރޮޒައިނާ ވިދާޅުވެފައިވެއެވެ.

ރޮޒައިނާ އެމްޑީޕީ އާއި ގުޅިވަޑައިގަތީ ޑީއާރުޕީގައި ހުންނެވުމަށްފަހުއެވެ. ރޮޒައިނާގެ ފިރިކަލުން މުހަންމަދު ނާޝިޒަކީ މަޖިލީހުގެ އެމްޑީޕީ ތަމްސީލް ކުރައްވާ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަން ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން