މަޖިލީސް ރައީސް އަބްދުއްރަޙީމް (ކ) އާއި ދަރިކަލުން ފައިސަލް (ވ)
މަޖިލީސް ރައީސް އަބްދުއްރަޙީމް (ކ) އާއި ދަރިކަލުން ފައިސަލް (ވ)
ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ސިޔާސީ ގުއިރޯނުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ދެން ނުޖެހޭނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އަދި އަދުރޭގެ ދަރިކަލުން އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމްގެ ދަރިކަލުން ފައިސަލް މި މޭރުމުން ވިދާޅުވީ އަބްދުއްރަޙީމް ރައީސް ޔާމީނަށް ސިޔާސީގޮތުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އަބްދުއްރަޙީމްގެ ސިޔާސީ ފާޑުވިދާޅުވުންތަކަށް ރައީސް ޔާމީންވެސް ގެންދަވަނީ ރައްދު ދެއްވަމުންނެވެ.

ބައްޕަގެ ދިފާޢުގައި ނިކުންނަވައި ރައީސް ޔާމީނަށް ރައްދު ދެއްވަމުން ފައިސަލް ވިދާޅުވީ އޭނާގެ ބައްޕަ އަބްދުއްރަޙީމް ކުރީގެ ރައީސް ޔާމީނަށް މެދުކެނޑުމެއްނެތި 20 އަހަރު ސިޔާސީ އަޅުމަސައްކަތް، ވަރުބަލިކަމެއް ފޫހިކަމެއްނެތި ކޮށްދިންކަން ދިވެހި ޤައުމު ހެކިވާނެ ކަމަށެވެ. އަދި އޭރު އަބްދުއްރަޙީމްގެ ތަޢުލީމް ރައީސް ޔާމީނަށް މުހިންމު ނުވިކަމަށް ފައިސަލް ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާއާއި އޭނާގެ ބައްޕަވެސް ރައީސް ޔާމީންގެ ސިޔާސީ ގުއިރޯނުގައި ދެން ނުޖެހޭނެ ކަމަށާއި މި ޤައުމުގެ ޚަޒާނާއަށް އަތްބޭނުމުގެ ޖާގަ ރައީސް ޔާމީނަށް ދެން ނުދޭނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަދުރޭ އާއި ފައިސަލްގެ ތަޢުލީމީ ފެންވަރާމެދު ރައީސް ޔާމީން އުފައްދަވަމުން ގެންދަވާ ސުވާލުތަކަށްވެސް ފައިސަލް ވަނީ ރައްދު ދެއްވާފައެވެ.

“އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަ އަކީ ނުކިޔަވާތިބި މީހުންކަމަށްވެ އެކަމާ މަނިކުފާނު ކަންބޮޑުވެގެން އުޅުއްވާއިރު، މަނިކުފާނުގެ މޮޅަށް ކިޔެވި ދަރިން މިޤައުމަށް ކޮށްދިން ޚިދުމަތެއް އަޅެ ވިދާޅުވެ ބައްލަވާށެވެ.” ރައީސް ޔާމީނަށް ރައްދު ދެއްވަމުން ފައިސަލް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި، މަލީހު ޖަމާލާއި ހުސެއިން ވަހީދު އަދި އަހުމަދު ފަޔާޒު (ޕާޕާ) ގޮވައިގެން އިންނަވާ އެއީ ތެދުވެރިން ކަމަށް ވިދާޅުވަމުންދާއިރު، އެއިން ކޮންމެ މީހަކީ ރައީސް ޔާމީން މި ދުނިޔެއިން ނައްތާލަން އުޅުނު މީހުން ކަމަށް ކުރިން ވިދާޅުވީ ރައީސް ޔާމީނު ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް މިހެން ވިދާޅުވެ ރައީސް ޔާމީނަށް ރައްދު ދެއްވާފައި ވާއިރު ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ރައީސް ޔާމީން ޖައްސަވަނީ ހަޑިހުތުރު މުޑުދާރު ސަކަރާތެއް ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން