ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު (ކ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު (ކ)
ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ދަމަހައްޓައި ބަދަހި ކުރަށްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމައި، އެ މަޝްރޫޢުތައް ދިވެހި ސަރުކާރާ ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ގުޅުން އަންނަން އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާކޮށް އާ ހަރުފަތަކަށް ގެންދިއުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ހަމައެއާއެކު އިންޑިއާއިން ރާއްޖެއަށް މިއަދު ޙަވާލުކުރި މަޝްރޫޢުތަކަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

“އިންޑިއާ ސަރުކާރުން ރާއްޖޭގެ 28 ރަށެއްގައި ހިންގި އުމްރާނީ ތަރައްޤީގެ ޒަރޫރީ މަޝްރޫޢުތަކެއް ނިންމާ މިއަދު މިވަނީ ދިވެހި ސަރުކާރާ ޙަވާލުކޮށްފަ. މި މަޝްރޫޢުތަކަކީ، ރާއްޖޭގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކެއް. އަދި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ.” ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، އިގްތިސާދީ ގޮތުން ޤައުމަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

އޭގެއިތުރުން އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް އެއް ގައުމު ކަމަށާއި ރާއްޖެއަށް ބޭނުންވާ ކޮންމެ ވަގުތަކު ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން އަބަދުވެސް ފަސްނުޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އިންޑިއަން ގްރާންޓް އެސިސްޓެންސްގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ތަކަކީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާގެ ތަރައްޤީގައި ދެޤައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމުގައި ވިދާޅުވެފައެވެ.

އަދި މި ސްކީމްގެ ދަށުން މިހާރުވެސް އިންޤިލާބީ ކުރިއެރުންތައް ލިބޭނެ ގިނަ މަޝްރޫޢުތަކެއް ހިންގަމުން އެބަދާ ކަމަށާއި އުންމީދަކީ، އެ މަޝްރޫޢުތަކުގެ ފައިދާ ދިވެހިންނަށް އަވަހަށް ފޯރުންކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް މިއަދު ވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ރީސްޓްރަކްޗަރ ކުރުމުގައި ދެއްވި ލުއިފަސޭހަކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން