ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވާފައިވާ ކަމަށް ބުނާ ވާހަކަތަށް އެކަމަނާގެ ދަރިކަލުން ދޮގުކުރައްވައިފިއެވެ.

ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވަރިސިޓީތަކުގެ އެތަކެއް ހާސް ދަރިވަރުން ނިކުމެ ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން އެކަމަނާ ވަނީ އަސްކަރީ ހެލިކޮޕްޓަރެއްގައި އިންޑިޔާއަށް ވަޑައިގެންފައެވެ.

އިންޑިޔާއަށް ވަޑައިގެންނެވުމުގެ ކުރިން ހަސީނާ އިސްތިޢުފާ ދެއްވާފައިވާ ކަން އިޢުލާނު ކުރެއްވީ އަސްކަރިއްޔާގެ އިސް ކޮމާންޑަރު، ޖެނެރަލް ވަޤާރުއްޒަމާނެވެ.

"އަޅުގަނޑުގެ މަންމަ އިސްތިޢުފާދެއްވާފައެއް ނުވޭ. އިސްތިޢުފާދެއްވަން ވަގުތެއް ވެސް ނުލިބޭ،" ޙަސީނާގެ ދަރިކަލުން ސަދީބް ވާޒިބް ޖޯއި ވިދާޅުވިއެވެ.

ޙަސީނާ ފިއްލަވައި، ޤައުމު ދޫކުރައްވައި ވަޑައިގަންނަވާފައިވަނީ މުޒާހަރާގެ ބައިވެރިން، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަންނަން މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅުގައެވެ.

ހަސީނާގެ ދަރިކަލުން ވާޒިބް ޖޯއި ވިދާޅުވީ މަންމަ ރާއްވަވާފައި އޮތީ ބަޔާނެއް ދެއްވައި އިސްތިޢުފާ ހުށަހަޅުއްވަން ކަމަށެވެ. އެހެން ނަމަވެސް، މުޒާހަރާގެ ބައިވެރިން ދިޔައީ ބޮޑުވަަޒީރުގެ ރަސްމީ ގެކޮޅަށް ވަދެގަންނަން މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެ، އިސްތިޢުފާ ދޭނެ ވަގުތެއް ނުލިބޭ. މަންމަ ވަޑައިގެންނެވީ އަމިއްލަފުޅު ހުރިހާ އެއްޗެއް ދޫކުރައްވާފައި. ބަންގްލަދޭޝްގެ ޤާނޫނު އަސާސީގެ ދަށުން ބޮޑުވަޒީރުކަމުގެ މަޤާމުގައި އަދިވެސް ހުންނެވީ އެކަމަނާ،" ހަސީނާގެ ދަރިކަލުން ޖޯއި ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން