ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އިޒްރޭލުން ދަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ގޮންޖަހަމުން ކަމަށާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އިޒްރޭލުގެ ޢަމަލުތައް ހުއްޓުވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިމޭރުމުން ވިދާޅުވީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ގެދޮރު ގެއްލި ބޯހިޔާވަހިކަން ހޯދުމަށް ސްކޫލެއްގެ ތެރޭގައި އުޅެމުން ދިޔަ ބަޔަކަށް އަމާޒުކޮށް އިޒްރޭލުން ދިން ލާއިންސާނީ ހަމަލާގައި 93 މީހުން ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.

އިޒްރޭލުގެ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ކުށްވެރި ކުރަށްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ އިޒްރޭލުން ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާ ކަމަށެވެ. އަދި މި ހަމަލާއާ ގުޅިގެން ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ޝަހީދުވެ ބައެއް މީހުން ޒަހަމްވެފައިވާކަން ދައުރުވަމުންދާ ފޮޓޯތަކުން އެނގޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އިޒްރޭލުން އޮކްޓޯބަރުމަހު ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ އެއްވެސް ކުށެއްނެތް 39000 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. ހަމައެއާއެކު މި ހަމަލާތައް ހުއްޓާލުމަށް އިޒްރޭލުން އެއްވެސް މަސައްކަތެއް ކުރަމުންދާ މަންޒަރު ނުފެންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އިޒްރޭލުން ހިންގަމުންދަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާ މުޅިން ޚިލާފު ޢަމަލުތަކެއް ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމަޢުން އިޒްރޭލު ޖަވާބުދާރީކޮށް ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ޑރ. މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.



ރައީސް ޑރ. މުޢިއްޒު އިޒްރޭލުގެ ލާއިންސާނީ ޖަރީމާ ކުށްވެރި ކުރަށްވާފައިވާއިރު މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަލަސްޠީނުގެ ސަތޭކައަށްވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން ދިޔަ އަލް ތާބިޢީން ސްކޫލަށް އިޒްރޭލުން ދިން ހަމަލާ ކުށްވެރިކުރާ ކަމަށެވެ. އަދި މި ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ގާނޫނުގެ އަސާސީ އުސޫލުތަކާއި އދ.ގެ ސަލާމަތީ މަޖިލީހުގެ 2610 ވަނަ ގަރާރާ ޚިލާފު އަމަލެއް ކަމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.

އެހެންކަމުން އިޒްރޭލުގެ މި ހަމަލާތައް ހުއްޓުވައި ފަލަސްޠީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްހަ ގާއިމުކުރުމަށް މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާއިރު ރައީސްގެ ނިންމެވުމާއިއެކު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ކުރަންޖެހޭ ކަންކަން ސިޔާސީ ޚިޔާލު ތަފާތުވުންތަކަށް ބެލުމެއްނެތި މަޖިލިސް ތެރެއިން އަވަހަށް ކުރާނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ސަރުކާރުގެ ކޮންޓްރޯލް އޮންނަ މަޖިލީހުގެ ކޮމިޓީގައި އެމައްސަލަ އޮންނަތާ މިއަދަށް ވަނީ 62 ދުވަސް ފާއިތުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން