ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އެއްވެސް ކޯޓަކުން އަމުރެއް ނެރެފައި ނުވާކަމަށް ކަރެކްޝަނުން މިއަދު ބުނެފިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ކަރެކްޝަނުން ބުނީ ރައީސް ޔާމީނާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ މަޢުލޫމާތަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށެވެ.

ކަރެކްޝަނުން ބުނީ ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މިހާތަނަށް އެއްވެސް ކޯޓަކުން އަމުރުކޮށްފައިނުވާކަމަށެވެ. އެހެން ނަމަވެސް، ވަކީލުންގެ ފަރާތުން ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންނާއި އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިވަޑައިގެންފައިވާކަމަށް ކަރެކްޝަންސްއިމް ބުނެފައި ވެއެވެ. އަދި މީގެ ކުރިންވެސް ބައްދަލުވުން ހަމަޖައްސައިދީފައިވާ ކަމަށާއި މިހާރުވެސް ޖަލަށް ވަޑައިގަތުމުން، ބައްދަލުކުރޭވެނެ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނައް ކަރެކްޝަނުން އަންގާފައިވާނެކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސައިދުނުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރެއް ނެރުއްވާނެކަން ކްރިމިނަލް ކޯޓުން އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ވިދާޅުވެފައި ވެއެވެ. ރައީސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ ޝަރީއަތުގެ ޢިބްތިދާޢީ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް މިހާރު ހުށައަޅާފައިވާ މައްސަލައިގެ އެއްވެސް ލިޔެކިއުމެއް މިހާތަނަށް ލިބިވަޑައިގެންފައިނުވާކަމަށާއި، އެލިޔެކިއުންތައް ފެނުމުން ނޫނީ ޝަރީޢަތް ކުރިއަށްގެންދަން ފަސޭހަނޫންކަމަށެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ ކޯޓަށް މައްސަލަ ހުށައެޅުމަށްފަހު މިވީ މުއްދަތުގައި ދަޢުވާ ލިބޭ ފަރާތާއި ބައްދަލުވެފައި ނުވާކަން ދެފަރާތުގެ ވާހަކަތަކުންވެސް އެނގޭކަމަށެވެ. އަދި މި މައްސަލައަކީ އޭގެ ޒާތުން ބޮޑު މައްސަލައަކަށްވާތީ މައްސަލަ ރައްދުވާ ފަރާތާއި ދިފާޢީ ވަކީލުންނާ ސީދާ ބައްދަލުކުރެވޭނެގޮތަށް އެކެހެރި ބައްދަލުވުމެއް ދިނުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ކޯޓުން ޢަމުރެއް ނެރުއްވާނެކަމަށް ވެސް އިއްޔެގެ އަޑުއެހުމުގެ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން