ކޮރަޕްޝަނާއި ފަސާދައަށް ޖާގަ ނުދޭނެކަމަށްބުނެ ވެރިކަމަށްއައި އެމްޑީޕީން މިއަދު ދަނީ ނޭވާލާ ވައިންވެސް ވައްކަން ކުރަމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ކޯވިޑް-19 ގެ ޚާއްޞަ އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މިސަރުކާރުން ވީ އެއްވެސް ވައުދެއް ނުފުއްދި ސަރުކާރު ފެއިލްވެފައިވާކަމަށެވެ. ވައްކަމާއި ދެކޮޅަށް އަޑު އުފުލައި ވައްކަން ހުއްޓުވާނެކަމަށް ވިދާޅުވި ސަރުކާރުން އިންތިހާއަށް ވައްކަންކޮށް މިއަދު ދަނީ ނޭވާލާ ވައިންވެސް ވައްކަން ކުރަމުން ކަމުގައި ސައީދު ވިދާޅުވިއެވެ.

"މިސަރުކާރުން ނުކުރާނީ ކޮންކަމެއްތޯ. އިންސާނުން ދިރިހުރުމަށް ނޭވާލާން ބޭނުންވާ ވައިންވެސް މިދަނީ ވައްކަން ކުރަމުން. މިވައްކަންތަކަކީ މިއަދު ސަރުކާރުގައި މޫލާފައިވާކަމެއް. މުޅި ސަރުކާރުގައި އޮތީ ވައްކަން'" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިހްލާސްތެރި ނިޔަތެއްގައި ރައީސް ޞާލިހުގެ ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ ނެތްކަމަށެވެ. ކޮންމެ ބޭފުޅަކުވެސް މަސައްކަތް ކުރަމުންދަނީ އަމިއްލަ އެދުންތައް ހާސިލްކޮށް ތިމާގެ އަންބޮޑި ބޮޑުކުރެވޭތޯ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. އިންތިހާއަށް ކޮރަޕްޝަން އުފުލި ވައްކަން ފާޅުގައި ކުރަމުންދާއިރު އެޅޭ ފިޔަވަޅެއްވެސް މިއަދު ފެންނަމުން ނުދާކަމަށް ސައީދު ވިދާޅުވިއެވެ.

މިވައްކަންތައް ކުރަމުންދަނީ އެތައް ވަޒީރުންނާއި ސަރުކާރާއި ގުޅިގެންކަން އޮޑިޓް ރިޕޯޓްތަކަށް ބަލާލުމުން ހާމަވާކަމަށް ސައީދު ވިދާޅުވިއެވެ. ފޮރިން މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްތައް ހާމަވުމުން ވައްކަން ފުޅާވެފައިވާ މިންވަރު ހާމަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން