ކުރީގެ ނައިބު ރައީސް ޢަބްދުالله ޖިހާދު
ކުރީގެ ނައިބު ރައީސް ޢަބްދުالله ޖިހާދު
ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެމައްސަލަ ދަޢުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ކ. ފުށިދިއްގަރުފަޅުގެ މައްސަލާގައި ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ކޮރަޕްޝަންގެ ދަޢުވާގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ތަޙުގީގުގައި މަސައްކަތްކޮށްފައި ނުވާތީ އެމައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ޖިހާދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ އުފުލުމުގައި އުނިކަމެއްވާކަމަށް ބަޔާންކޮށް އެ މައްސަލަ ބެލޭނެތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން 11 އޮގަސްޓު 2024 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

“މި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާނެ މައިގަނޑު އަސާސަކީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައި ޤާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާޞިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުމެވެ. މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައަކީ މަޢުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލު ކޮށްދިނުމަށެވެ.” ޕީޖީ އޮފީހުން މިއަދު ހާމަކޮށްފައިވެއެވެ.

ޖިހާދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން، އޭރު މާލީ ވަޒީރަކަށް ހުންނެވި ޢަބްދުالله ޖިހާދުގެ މައްޗަށް ދަޢުލަތުން ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގައެވެ. އެ ދަޢުވާއަށް ޖިހާދު ވަނީ އިންކާރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އެމައްސަލަ ބޭރުކޮށްލަމުން ބުނެފައިވަނީ އޭސީސީން މައްސަލަ ތަހުގީގުކޮށް ނިންމިތާ 4 އަހަރު ފަހުން ރިޔާސީ ކޮމިޝަނުން މައްސަލައިގެ ތަހުގީގު ފެށި ސަބަބު ޖިހާދަށް ސާފުކޮށްދީފައިވާ ކަމާމެދު ސުވާލު އުފެދޭކަމަށެވެ.

އަދި މައްސަލައިގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ހެކިބަހުގެ ސައްހަކަން ކަށަވަރު ކުރުމަށް މަސައްކަތްކޮށްފައި ނުވާކަމަށާއި މައްސަލައިގެ ތަހުގީގުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަ ނުވާތީ މައްސަލަ ވަނީ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައެވެ.

ދަޢުލަތުން ޖިހާދުގެ މައްޗަށް އުފުލާ ދަޢުވާއަކީ ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 އިންސައްތަ ހިއްސާވާ ގޮތަށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމާއި ޚިލާފަށް ޖިހާދު ޢަމަލު ކުރެއްވި ކަމަށެވެ. އެގޮތުން ސަރުކާރުގެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދުކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.

އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފުވާންޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.

ޕީޖީން ބުނެފައިވާ ގޮތުން ޖިހާދުގެ މި ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604،713،750 އެމެރިކާ ޑޮލަރު އުނިވެފައި ވާކަމަށެވެ.

މިމައްސަލަ މީގެ ކުރިން 2013 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ނަމަވެސް އޭރު އެކޮމިޝަނުން ނިންމީ މި މުއާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށެވެ. އެގޮތަށް އޭސީސީން ނިންމީ 2016 ވަނަ އަހަރު އެވެ.

ޖިހާދަކީ ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ މިހާރުގެ ޗެއާޕާސަނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން