ކޯވިޑް19 އާއި ގުޅިގެން ހެލްތް މިނިސްޓްރީ އާއި، ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކުގެ އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމަށް އޮޑިޓަރ ޖެނެރަލްއާއި، ކަމާއި ގުޅުންހުރި އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރުމަށް މިއަދު ފާސްކޮށްފިއެވެ.

އެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ ކަންބޮޑުވުމަކީ ފިޔަވަޅު ނާޅާ ދޫކޮށްލެވޭ ވަރަށް ވުރެން ސީރިއަސް ކޮރަޕްޝަންތަކެއް ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ އޮޑިޓުން ފަޅާއަރާފައި ވުމެވެ. މެމްބަރުން އިއްތިފާގުވެވަޑައިގަތީ ވީހާވެސް އަވަހަކަށް އެ މައްސަލަ ކޮމިޓީން ބަލަން ފުރަތަމަ އޮޑިޓަ ޖެނެރަލް ކޮމިޓީ އަށް ހާޒިރުކޮށް، ރިޕޯޓްތަކުގައިވާ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށެވެ.

މާދަމާގެ ބައްދަލުވުމުގައި ހެލްތެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ހުރިކަންކަން ސާފުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޓުވަރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ވަކި ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. ކޯވިޑް19 އާއި ގުޅިގެން ހެލްތް މިނިސްޓްރީ އާއި، ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކާއި ގުޅިގެން ކުރެވުނު އޮޑިޓްތައް އޮޑިޓާ ޖެނެރަލް ކޮމިޓީއަށް ހުށަހެޅުމަށްފަހު ހެލްތް މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީ ކޮމިޓީއަށް ހާޒިރު ކުރުމަށްވެސް މިއަދު ކޮމިޓީގައި ވަނީ ނިންމާފައެވެ.

ފިނޭންސް މިިނިސްޓްރީ ހާޒިރުކުރަން ނިންމީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށް، އެއްބަސްވުމުގެ އަގުގެ 90 ޕަސެންޓަށް ވާ ފައިސާ ޕާފޯމަންސް ގެރެންޓީއަކާ ނުލައި ހަވާލުކުރި މައްސަލައިގައިކަމަށް ކޮމިޓީގެ މުޤައްރިރު މުހައްމަދު ނާޝިޒު ވިދާޅުވިއެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ ވެންޓިލޭޓަރު ގަތުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ތިން ކުންފުންޏަކާ ހަވާލުކުރި މައްސަލަ ތަހުގީގު ކުރަން ލަފާދީފަ އެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 145 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏެއްގެ އިތުރުން މެޑްޓެކާއި ނާޑު ކުންފުންޏާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަން އެކުލެވިގެންވާ ގޮތަށް ކަން އޮޑިޓުން އޮތީ ހާމަވެފަ އެވެ. ހަމައެގޮތަށް ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުން ވެސް ވަނީ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންކަން ފަޅާއަރާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން