ރައީސް އަބުދު ޔާމިން މާފުށީ ޖަލަށް ގެންދަނީ
ރައީސް އަބުދު ޔާމިން މާފުށީ ޖަލަށް ގެންދަނީ
ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ބައްދަލުކުރައްވަން ވަޑައިގެންނެވި އެމަނިކުފާނުގެ ލޯޔަރުންނާ މިއަދުވެސް ބައްދަލުނުވި ކަމުގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. 

ކުރީގެ ނައިބުރައީސް އަދި ރައީސް ޔާމިންގެ ވަކީލު ޑރ.ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، އިއްޔެ ކުރިމިނަލް ކޯޓުގައި އޮތް ރައީސް ޔާމީނުގެ ޝަރީޢަތުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ޤާޟީވަނީ ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުވެވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދައުލަތުގެ މައްޗަށް ކޯޓުން އަންގަވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީނުގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރެއްވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައިކޯޓުންވެސްވަނީ އަންގާފައެވެ.

ނަމަވެސް އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރެއްވޭނެ އިންތިޒާމު މިހާތަނަށް ހަމަޖައްސާދީފައިނުވާ ކަމަށެވެ. އަދި އެކަން ނުކުރެއްވުމާ ގުޅިގެން ރައީސް ޔާމީނުގެ ޝަރީޢަތް ފަސްކުރުމަށް އިއްޔެ ކުރިމިނަލް ކޯޓުން ވަނީ ނިންމާއެވެ. 

ޑރ.ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއަދުގެ 14.00 އަށް ރައީސް ޔާމީނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ކަރެކްޝަނުން ބުނުމުން ލޯޔަރުން މާފުއްޓަށް ވަޑައިގެންނެވި ކަމަށެވެ. އަދި ބައްދަލުކުރެއްވޭނެ ކަމަށް ކަރެކްޝަންސްއިން ލިޔުމުން ބުނެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. ނަމަވެސް އެލިޔުމުގައިވާ ގޮތުގެ މަތިން ބަންދަލު ކުރަން ވަޑައިގެންނެވިއިރު މާފުށްޓަށް އަރައި ރައީސް ޔާމީނާ ބައްދަލުކުރެއްވޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައިނުވާ ކަމުގައިވެސް ޖަމީލު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރައީސް ޔާމީނުގެ ވަކީލުންނަށް މިއަދުވެސް އެމަނިކުފާނާ ބައްދަލުނުކުރެއްވުނު ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވި ނަމަވެސް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިއަދު ވިދާޅުވީ ރައީސް ޔާމިނަށް ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ލައްކަ ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ވަކީލުން ރައީސް ޔާމިނާއި ބައްދަލު ކުރަން ބޭނުންނުވާ ކަމަށެވެ.

"ބައްދަލުވުން ހަމަޖައްސަން އެއްވެސް ކޯޓަކުން އަމުރެއް ނެރުއްވާފައެއް ނެތް، ބައްދަލުވުން ހަމަޖައްސަން ކަރެކްޝަންގެ އިސްނެންގެވުމަށް ގިނަ މަސައްކަތް ކުރެވިއްޖެ، ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެކަން ކުރަން ވަކީލުން ބޭނުން ނުވެގެން." އިމްރާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން