ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ޖަމިއްޔާ ފީފާގެ ބެޖު ފުރަތަމަ ލިބިވަޑައިގެންނެވި ރާއްޖޭގެ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވެއްޖެ އެވެ.

މައްލާ ޅަތުއްތު އަވަހާރަވީ އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އޭނާ އަވަހާރަވި އިރު އުމުރުފުޅުން 75 އަހަރެވެ.

ޅަތުއްތު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ވަނީ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް ވެސް ރައީސް ދުއާ ކުރައްވާފައި ވެއެވެ.

ކުޅިވަރު ކުރިއެރުވުމުގައި ބައި ގަރުނަށްވުރެ ގިނަދުވަހު ޤައުމަށް ހިދުމަތްކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ރެފްރީ މައްލާ ޅަތުއްތު ނިޔާވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޅަތުއްތުއަށް ވަނީ ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމާ، ޤައުމީ ޝަރަފްވެރިކަމުގެ އިނާމާ، އަދި ދައުލަތަށް ދިގުމުއްދަތެއްގައި ހިދުމަތްކުރެއްވުމުގެ އިނާމާ، ކުޅިވަރުގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ލިބިވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން