ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ރަށްރަށުގެ ރައްޔިތުން މާލެ އަންނަނީ އަސާސީ ޚިދުމަތްތައް ރަށުން ނުލިބޭތީ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާބަން ސެންޓަރު ޤާއިމުކުރުމުގެ ބިލަށް ބަހުސް ކުރަށްވަމުން މެންބަރު އައްބާސް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން ރަށްރަށުގެ ތަރައްޤީއަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށެވެ. ޚާއްސަކޮށް ޒުވާނުންނަށް ރަށްރަށުގައި އެކަށީގެންވާ ފުރުސަތުތައް ލިބެން ނެތްކަން މެންބަރު އައްބާސް ފާހަގަ ކުރެއްވިއެވެ.

އައްބާސް ވިދާޅުވީ ރައްރަށުގައި ޔޫތު ސެންޓަރުތައް ޤާއިމުކޮށްފައިވަނީ ނަމަކަށް ކަމަށާއި ޢިމާރާތެއް ހުރި ނަމަވެސް އެތަންތަނުގައި ވަސީލަތް ނެތްކަމަށެވެ. އޭގެ އިތުރުން ރަށްރަށުގެ ތަޢުލީމީ ނިޒާމާއި ސިއްޙީ ނިޒާމުވެސް އޮތީ އެޙާލަތުގައިކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ސްކޫލްތަކުގައި ސައިންސް ކިޔަވާ ކުދިންނަށް ބޭނުންވާ ލެބޯޓްރީ ނުހުންނަ ކަމަށާއި އެހެންކަމުން ރަށްރަށުގެ ރައްޔިތުން މާލެ އަންނަނީ ދަރިންނަށް ރަނގަޅު މުސްތަޤެއް ހޯދައިދިނުމަށްޓަކައި މާލެ ނޫންގޮތެއް ފެންނަން ނެތުމުން ކަމަށެވެ.

“ރަނގަޅު ތަޢުލީމު ހޯދަން ރަނގަޅު ތަޢުލީމު ލިބޭތަނަށް އަންނަންވެގެން މާލެއަށް އަންނަނީ. ވަސީލަތްތައް ޤާއިމުކުރީމާ ރާއްޖެތެރޭ މީހުން މާލެ އަންނަވަރު މަދުވާނެ. މާލެ އަންނަނީ އުޅެން ފަސޭހަ ވެގެނެއް ނޫން.” މިއަދުގެ ބަހުސްގައި އައްބާސް ވިދާޅުވިއެވެ.

އައްބާސް މިއަދު ވިދާޅުވީ އަރބަން ޑިވެލޮޕްމެންޓް ބިލްގެ އަމާޒަކީ ރާއްޖޭގެ ރަށްރަށް ފަޅުކުރުން ކަމަށް ވަނީނަމަ، އެކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ނުކުރާނެ ކަމަށެވެ.

އޭގެއިތުރުން އެމްޑީޕީ ސަރުކާރުން މުޅި ރައްޔިތުންގެ ޓެކްސް ފައިސާއިން މާލޭ ރައްޔިތުންނަށް ހިލޭ ބިން ދިނުން ބަލައިނުގަންނަ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ. އެގޮތުން ފަޅުން ދީފައިވާ ގޯތިތަކަކީ އެ ގޯތިތައް އުފެދުނު ހިސާބުން ބާތިލު ގޯތިތަކެއް ކަމަށް އައްބާސް ވިދާޅުވިއެވެ.

“ގާނޫނާ ހިލާފަށް ދީފައިވާ ގޯތިތައް އަތުލައްވަންވީ ނޫންތޯ. ކީއްކުރަންތޯ އެ ގޯތިތައް ދީފައިހުރީ ރަނގަޅަށް ކަމަށް ހައްދަވައިގެން އެ ހުރިހާ ގޯތިތައް ދޭން މި އުޅެނީ..” އައްބާސް ވިދާޅުވި އެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ވަނީ މާޅޭ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ޕްލޭނެއްގެ ދަށުން އާބަން ސެންޓަރުތަކެއް ޤާއިމު ކުރުމަށް ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން