ނިމިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުކަން ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެފަހުން އާއްމުކޮށްފައިވާ ދުވަހުގެ އަދާހަމަ ރިޕޯޓުން ހާމަވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ރިޕޯޓުން ހާމަވިގޮތުގައި މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1304236 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1181093 ފަތުރުވެރިންނާއި އަޅާ ބަލާއިރު، %10.4 އިތުރު އަދަދެކެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިމަހުގެ ފުރަތަމަ 19 ދުވަސްތެރޭ ރާއްޖެއަށް 121170 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 105866 ފަތުރުވެރިންނާ އަޅައިބަލާއިރު %14.5 އިތުރު އަދަދެކެވެ.


ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6378 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހަތް ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ. ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އަންނަނީ ރަޝިއާ އިންނެވެ. އަދި މި ލިސްޓުގެ ތިންވަނައިގައި އޮތީ އިނގިރޭސިވިލާތްކަން ފާހަގަ ކުރެވެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ދެ މިލިޔަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ޤާއިމްކުރުމެވެ. އަދި މި އަމާޒަށް ވާސިލުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން