މި ސަރުކާރުގެ ކޮރަޕްޝަން އޮތީ ފުއްޕާމޭގައި ހިފާ ވެއްޓިލޭޓަރަށްލާ ހާލަތުގައިކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް19 އާއި ގުޅިގެން ހިންގުނު އެކި މަސައްކަތްތަކުގައި ކޮރަޕްޝަން އެކުލެވޭ ގިނަ ކަންތައްތަކެއް ހުރިކަން އޮޑިޓާ ޖެނެރަލް ނެރުއްވި ޓުވަރިޒަމް މިނިސްޓްރީއާއި، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. މި ރިޕޯޓްތަކަށް އިޝާރާތް ކުރައްވައި ޑރ. ޝަހީދު ވިދާޅުވީ މިސަރުކާރުގެ ކޮރަޕްޝަންގެ ހާލަތު މިހާރު އޮތީ ވަރަށްފުޅާވެ އަތު ނުޖެހޭ ހާލަތަކަށް ގޮސްފައިކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މި ސަރުކާރުވެސް މިހާރު ދެން ވެންޓިލޭޓަރަކަށް ލާން ވެއްޖެހެން. ކޮރަޕްޝަން މިހާރު ހުރީ ވަރަށް ފުޅާކޮށް ފެތުރި ފުއްޕާމޭގައި ހިފާފަ." ޑރ.ޝަހީދު ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ މި ދެ އޮޑިޓް ރިޕޯޓަކީ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ކަމަށް ވިދާޅުވެ ވެރިކަމަށް އައި ސަރުކާރުގެ ކޮރަޕްޝަން އޮތް މިންވަރު ހާމަވާކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބަލައި ފަސްނުޖެހި ފިޔަވަޅު އަޅާނެކަމަށެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި ހެލްތް މިނިސްޓްރީގެ ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވާގޮތުން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފަައިވާއިރު އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިކަންވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ވެންޓިލޭޓަރު ގަތުމަށް ކުރިއަށް ގެންދިޔަ މުޢާމަލާތް ތަޙުގީގުކުރުމަށް އޮޑިޓަރ ޖެނަރަލްވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން