ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް (މ)
ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް (މ)
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޤާނޫނާ ޚިލާފުވާ ފަރާތްތައް ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު ރައްކާތެރިނޫން ގޮތުގައި ކާބޯތަކެތި ތައްޔާރުކޮށް ވިޔަފާރި ކުރުމުގެ މައްސަލަތަކެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. ހަމައެއާއެކު ރާއްޖެއަށް އެތެކުރާ ކާބޯތަކެއްޗާއި ރާއްޖޭން ބޭރަށް ފޮނުވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ރަނގަޅު ކުރުމުގެ އުޞޫލުތައް ކަނޑައަޅައިފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް މާދަމާއިން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ.

އެކަމާ ގުޅިގެން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޚަލީލް ވިދާޅުވީ ރައްޔިތުން ކެއުމަށް ބޭނުންކުރާ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަށްވަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރަށްވާނެ ކަމަށެވެ. އެގޮތުން ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގެ އިންތިޤާލީ އުސޫލު މި މަހުގެ 23 ވަނަ ދުވަހު ގެޒެޓް ކުރަށްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައްކާތެރިކަމުގެ މިންގަނޑާ ޚިލާފަށް ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ މައްސަލަތައް ރިޕޯޓް ކުރުމަށް ވަކި ހޮޓްލައިނެއް ޤާއިމް ކުރަށްވާނެ ކަމަށާއި ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް 10،000 ރުފިޔާއިން އިން ފެށިގެން 50،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރަށްވާނެ ކަމަށެވެ.

އޭގެ އިތުރުން ރައްކާތެރިކަމުގެ މިންގަނޑާ ޚިލާފަށް ކާބޯތަކެތި އުފައްދާ ފަރާތަކީ ބިދޭސީއެއްނަމަ އެމީހާ ޑީޕޯޓްކޮށް ފިޔަވަޅު އަޅާނެ ކަމަށާއި ކާބޯތަކެތި އުފައްދައި ކަންމަތީފިހާރައަށް ވިއްކާ މީހުން ދެނެގަތުމަށްޓަކައި ކާބޯތަކެތީގެ ލޭބަލްގައި ހިމެނުމަށް ލައިސަންސް ނަންބަރެއް ދޫކުރަށްވާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ މިފަދަ މައްސަލަތައް ހައްލު ކުރުމަށް އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށްް ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން