ސީޕްލޭންއަކީ އެއަރއެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން އެކަށީގެން ނުވާއުޅަނދެއްކަން ކުރިން ވެސް އެނގޭކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވިކަމަށް އޮންލައިން ނޫހެއްގައި ބުނެފައިވާތީ އެކަން އަމީން ދޮގުކުރައްވައިފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އަމީންވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ ވެސް ސީޕްލޭނުގައި އެ ޚިދުމަތް ދިނުމަށް ކަމަށާއި ނަމަވެސް އެއީ ރޭގަނޑު ދުއްވޭ ބޯޓަކަށް ނުވާތީ ލިމިޓޭޝަންތަކެއް ހުންނާތީ ރައީސް ނިންމެވީ ޑޭޝް8 ގެ ބޯޓެއްގައި ވަސީލަތްތައް ގާއިމުކޮށްގެން އެކަން ކުރުމަށް ކަމަށް ވިދާޅުވެފައެވެ.

އަމީން މިހެން ވިދާޅުވެފައިވަނީ, ވޭތުވެދިޔަ ފަސް މަސް ދުވަހުގެ މުއްދަތުގައި ވެސް ބަލިމީހަކު އުފުލުމަށް ސީޕްލޭންއަށް އެއްވެސް ރިކުއެސްޓެއް އައިސްފައި ނުވާކަން ފާހަގަ ކުރައްވަމުންނެވެ. އަދި ސީޕްލޭންގެ ސްޕީޑާއި ޕްރެޝަރައިޒް ކޮށްގެން ދުއްވަންޖެހޭ މައްސަލަފަދަ ބައެއް ދަތިތައް އަމީން ފާހަގަ ކުރެއްވިއެވެ.

އަމީން މިހެން ވިދާޅުވުމުން އޮންލައިން ނޫހެއްގައި ވަނީ ސީޕްލޭން އެކަމަށް ހަމަޖެއްސި އިރުވެސް އެއީ ބަލިމީހުން އުފުލުމަށް އެކަށީގެންވާ ބޯޓެއް ނޫންކަން އެނގޭކަމަށް މިނިސްޓަރު އަމީން ވިދާޅުވިކަމަށް ބުނެ ޚަބަރެއް ލިޔެ އާންމުކޮށްފައެވެ.

އެއާއި ގުޅިގެން އަމީން މިރޭ އެކްސްގައި ވިދާޅުވީ, އެ ނޫހުގައި ޖަހާފައިވާ ސުރުހީ އަކީ ހަގީގަތާއި ޚިލާފު އަދި އެއްވެސް ޒިންމާދާރުކަމެއް ނެތި ލިޔެފައިވާ ސުރުޚީއެއް ކަމަށެވެ. އަދި ސީޕްލޭންއަކީ އެކަމަށް އެކަށީގެންވާ ބޯޓެއް ނޫންކަން ކުރިންވެސް އެނގޭކަމަށް އެއްވެސް އިރެއްގައި ވިދާޅުވެފައި ނުވާނެކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން