ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ކޯވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ މެދުވެރިވެގެން ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައާ ގުޅޭގޮތުން އޭސީސީ އިން ނެރެނު ދިރާސީ ރިޕޯޓާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަރަށް ބޮޑު ތަފާތުތަކެއް ހުރުމުން، އެކަން ހިނގަން މެދުވެރިވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު އަންގަވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅިގެން އޭސީސީގެ ރިޕޯޓު ނެރެފައިވަނީ މިދިއަ މެއި މަހުގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް، އެ ކޮމިޝަނުން ކުރި ތަހުގީގުގައި، އޮޑިޓާ ޖެނެރަލްގެ ރޫހާއި ނަޒަރިއްޔާތު، ވަރަށް ބޮޑަށް ތަފާތު ތަކެއް ހުރިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އޭގެ ކުރިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ ބޭފުޅުން ވަޑައިގެން ދެއްވި މައުލޫމާތުގައި ވެސް އޮޑިޓު ރިޕޯޓުން ފާހަގަކުރި އެއްވެސް ކަންބޮޑުވުމެއް ހިއްސާކޮށްފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، މިއީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިތުރަށް ބަލަންޖެހޭ މައްސަލައެއް." ރައީސް ނަޝީދު ވިދާޅުވިއެވެ

އޭސީސީން ނެރުނު ރިޕޯޓާއި، ކޮމިޓީން އޭސީސީއާ ބައްދަލުކުރި ދުވަހުގެ ޔައުމިއްޔާގެ އިތުރުން، އެ ކޮމިޝަނުން ރޭ ނެރުނު ބަޔާން ކޮމިޓީއަށް ފޮނުވާކަން މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އިއުލާންކުރައްވާފައެވެ. އޭސީސީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅޭގޮތުން އޭސީސީން ތަހުގީގުކުރަމުންދާ މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ނެތްކަމަށް ނިންމާފައިނުވާނެ ކަމަށެވެ. އަދި އެމައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި މައްސަލަ ތަހުގީގްކުރަމުންދާ ކަމަށް އޭސީސީ އިން ބުނެ އެވެ.

ނަމަވެސް އޭސީސީން މިމައްސަލައިގައި ކުރިން ނެރުނު ރިޕޯޓުގައި ދައްކާފައި ވަނީ މުޅިންވެސް ބިޑް ކުރުމާއި ބިޑް ނުކޮށް ޚިދުމަތާއި ތަކެތި ގަތުމާއި ހޯދުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި ގަވާޢިދު ތަކެއްގެ ވާހަކައެވެ. އެ ރިޕޯޓުން ވެންޓިލޭޓަރު ގަތުމުގައި ގޯސް ހަދާފައިވާ ކަމަކަށް އެއްވެސް ވަރަކަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ރިޕޯޓުން ހާމަވަނީ ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝްގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ހެލްތްގެ އޮޑިޓް ރިޕޯޓްގައި ވެންޓިލޭޓަރުަތައް ހަވާލުކުރުމުގައި އުސޫލާއި ހިލާފަށް ކަންކަން ކޮށްފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ރިޕޯޓްގައިވެެެއެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިހާރު މަސައްކަތުން އަމިއްލައަށް އެކަހެރިވެވަޑައިގެންފައިވާއިރު، އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވި މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބިޑް ކޮމިޓީގެ މެންބަރުން މިހާރު ވަނީ ވަޒީފާ އިން ސަސްޕެންޑުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު


9

އަދަރާދަ

18-Aug-2020

ގާނޫނުގައި އޮވޭތަ މަޖިލީހުގެ ރައީސަށް މިބާރު ދީފައި ކޮންމާއްދާއެއްގެ ދަށުން ބާ? ހަމަ ގާނޫނު ނޭގޭތީ ތޯ މިކަން ކުރާއިރު މީހުންބަލަހައްޓައިގެން މިތިބެނީ..?