ގއ. އަތޮޅު ކައުންސިލްގެ ބަޖެޓުން ޚަރަދު ކޮށްގެން އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސް ޔުނިޓެއް ޤާއިމުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝާހީން ވިދާޅުވީ ގއ. އަތޮޅު ކައުންސިލްގެ ބަޖެޓުން ޚަރަދު ކޮށްގެން އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސް ޔުނިޓެއް ޤާއިމުކޮށްފައިވާ ކަމަށެވެ.

“އަޅުގަނޑުމެންގެ ޢާމްދަނީގެ ތެރެއިން ހަތްލައްކައެއްހާ ރުފިޔާ ޚަރަދު ކޮށްގެން ގއ. އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސް ޔުނިޓެއް މި ޤާއިމުކުރީ. ހަމަ ޢާމްދަނީއަށް ލިބޭ ފައިސާއިން.” ޝާހީން ވިދާޅުވިއެވެ.

ޝާހީން ވިދާޅުވީ ރައްޔިތުން ކައުންސިލްތައް ހޮވަނީ އުންމީދެއްގައި ކަމަށާއި ނަމަވެސް ކައުންސިލްތަކަށް ޢާމްދަނީ ހޯދުމަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އަތޮޅަކުން ކޮންމެ ބޭނުމަކަށްވީ ނަމަވެސް ފަޅުރަށެއް ކުއްޔަށް ދޫކުރާއިރު ކައުންސިލާ މަޝްވަރާ ނުކުރުމަކީ ކަންބޮޑުވުމެއް ކަމަށް ޝާހީން ވިދާޅުވިއެވެ.

ޝާހީން ވިދާޅުވީ މިހާރުވެސް އެ ކައުންސިލަށް އޯގެނިކް ކުނި ބޭނުންކޮށްގެން ކަރަންޓާއި ގޭސް އުފެއްދުމަށް ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރުމަށް ފަޅުރަށެއް ދޫކޮށްދިނުމަށް އެލްޖީއޭގައި އެދިފައިވާ ސިޓީއަށް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކަށް ޢާމްދަނީ އިތުރުކުރެވޭނެ ގިނަ މަގުތަކެއް ފަހިވެގެން ދިއުމަކީ ސަރުކާރަށްވެސް ލުއިކަމެއް ލިބޭނެ ކަމެއް ކަމަށާއި އެހެންކަމުން އެމަގަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަން ޝާހީން ފާހަގަ ކުރެއްވިއެވެ.

ޝާހީން ވިދާޅުވީ މިހާރުވެސް ދައުރެއްގެ ފަސް އަހަރުގެ ތެރެއިން ދެއަހަރު ބޭކާރުވެގެންދަނީ ލޭންޑް ޔޫސް ޕްލޭން ފާސް ނުވެގެން ކަމަށާއި އެހެންކަމުން އެއީވެސް މަޖިލީހުންނާއި ކައުންސިލް މިނިސްޓްރީއާއި އެލް.ޖީ.އޭ އިންވެސް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

ގއ. އަތޮޅު ކައުންސިލްގެ ބަޖެޓުން ޚަރަދު ކޮށްގެން އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސް ޔުނިޓެއް ޤާއިމުކޮށްފައިވާއިރު މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން