ގަވާއިދާ ޚިލާފަށް ޕާކް ކުރުމާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ޚިލާފު ވެގެން ކުރެވޭ ޖޫރިމަނާ ނުދެއްކޭ ނަމަ، މުޖުތަމައަށް ޚިދުމަތް ކުރަން ލާޒިމު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އެވެ. އެ ބިލު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނެރެފައިވާ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު، އެ ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވި ބިލުގައި ކުރިން އޮތީ ޕާކިން ޖޫރިމަނާ އާއި އެ ގާނޫނާ ޚިލާފު ވުމުން ކުރެވޭ ޖޫރިމަނާ ފައިސާ ހޯދަން ކޯޓަށް ދިއުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތަށެވެ. އެކަމަކު، ޕާކިން ޖޫރިމަނާ ބޮޑުކުރަން އެ ބިލުގައި ހިމަނާފައެއް ނުވެ އެވެ.

ނަމަވެސް ކޮމިޓީ މަރުހަލާގައި، އެ ބިލަށް ބަދަލު ގެނެސް ނިންމާފައި ވަނީ ޖޫރިމަނާ ފައިސާ ހޯދަން ކޯޓަށް ދިއުމުގެ ބާރު މީރާ އަށް ދިނުމުގެ އިތުރުން ޖޫރިމަނާގެ އަދަދު 10،000ރ. ވުރެ ބޮޑުވާ ނަމަ، ފައިސާ ހޯދުމުގެ ބަދަލުގައި އެ މީހަކު ލައްވައި މުޖުތަމައަށް ޚިދުމަތެއް ނުވަތަ މަސައްކަތެއް ކުރުވުމަށް ކޯޓު އަމުރަށް އެދުމުގެ ބާރު މީރާ އަށް ދިނުމަށެވެ. އެކަމާބެހޭ އުސޫލުތައް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާން ކުރަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އެއްވެސް މީހަކު އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާ ކަމަކަށް ވާއިރު، މިއާ ޚިލާފުވާ މީހެއްގެ އުޅަނދެއް ހިފަހައްޓައިފިނަމަ، އެ މީހަކު ޖޫރިމަނާ ކުރުމަށް ރިޕޯޓުގައިވެ އެވެ.

އެގޮތުން، ފުރަތަމަ ފަހަރުނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެކަން ތަކުރާރުކޮށްފިނަމަ ނަސޭހަތްތެރިވުމަށް ކޮމިޓީ ރިޕޯޓުގައި ވާއިރު، ދެވަނަ ފަހަރުނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ އުޅަނދު ދުއްވި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 48 ގަޑިއިރަށް ހިފެހެއްޓޭ ގޮތަށް ވަނީ ހަދައިފަ އެވެ.

ޖޫރިމަނާއާ ބެހޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް 90 ދުވަސް ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުގައި ގާއިމު ކުރުމާއި އެ ނިޒާމުގެ ތެރެއިން ޖޫރިމަނާ ބާތިލް ކުރުމުގެ ބާރު ލިބޭ ގޮތަށް ބިލުގައި ހިމަނާފައިވެ އެވެ. ބާރަށް ދުއްވާ މީހުންނާއި ލައިސަންސް ނެތި ދުއްވާ މީހުންނަށް ކުރެވޭ ޖޫރިމަނާ ބޮޑުކުރަން ވެސް އެ ބިލުގައި ވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން