އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނިންމައިފިއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވައި ސްޓެކްލޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ކާރބަން ފުޓް ޕްރިންޓް ކުޑަކުރުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

އަދި ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށާއި، އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުންކަމަށެވެ.

އެގޮތުން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަން ޤާއިމްކުރުމަށް ނިންމާފައިވަނީ ސްޓެލްކޯ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި ކަމަށް، ފަހުމީ ފާހަގަކުރައްވާފައިވެއެވެ.

"އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް މިހާރު ވަނީ ނިންމާފައި. އަދި މި ކަމުގައި ސިޓީކައުންސިލާއި މަޝްވަރާކުރެވި، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވަނީ ލިބިފައި." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މި ޗާޖިންގ ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާކަމަށާއި، އަދި ވަރަށް އަވަސް މުސްތަޤުބަލެއްގައި ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭ ގޮތަށް ހަދާ މި ސްޓޭޝަންގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން