ދިވެހިރުފިޔާ އެކައުންޓްތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭގޮތަށް ބެންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެނގިވަޑައިނުގެން ނިންމި ނިންމުމެއްކަމަށް ބުނާތީ އެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ފާޑުވިދާޅުވެއްޖެއެވެ.

ބީއެމްއެލް އިން މިއަދު ނިންމި ނިންމުމާއިއެކު އާންމުންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވަނިކޮށް ވަނީ އެމްއެމްއޭގެ ލަފާގެމަތިންކަމަށް ބުނެ ބީއެމްއެލްއިން އެ ނިންމުން ބަދަލު ކޮށްފައެވެ. އަދި މި މައްސަލައިގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބެންކުން އެހެން ނިންމީ ރައީސްގެ އިރުޝާދާއި ޚިލާފަށް ކަމަށާއި އެ ނިންމުން ބަދަލުކުރުވީ ރައީސްގެ އެންގެވުމަކަށް ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން މިހެން ބުނުމުން, މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ފައްޔާޒުވަނީ އެވަރުގެ ނިންމުމެއް ނޭނގި ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. ޚާއްޞަކޮށް ބެންކުން އެހެން ނުނިންމަނީސް ރޭ ވެސް އެ ވާހަކަތައް ފެތުރުނު ކަމަށާއި އެހެންކަމުން ފިނޭންސް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ އެކަމަށް ހައްލު ހޯއްދެވުމަށް ރޭ ނޫޅުއްވީ ކީއްވެތޯ ވެސް ފައްޔާޒު ވަނީ ސުވާލު އުފައްދަވާފައެވެ.

ފައްޔާޒު ވިދާޅުވީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ގިނައީ ސަރުކާރުގެ ބޭފުޅުންކަމަށެވެ. އަދި ސަރުކާރުން ބޭނުންވާގޮތަށް އެ ބޭފުޅުން ކަންކަން ނިންމައިދޭނެކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ މިހާރު ފެނިގެންދަނީ ނިންމާ ނިންމުންތަކާމެދު ރައްޔިތުން ހިތްހަމަ ނުޖެހިގެން ކެކި އެރީމާ, އަނެއްކާ ތެޅިގެނެގެން އެ ނިންމުން ބަދަލުކުރާތަން ކަމަށެވެ. އަދި މި ސަރުކާރުން އަބަދު ވެސް ކަންކުރާތަން ފެންނަނީ އެހެން ކަމަށާއި ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން