ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކަކީ އިންވެސްޓަރުންނަށް ހަބަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވީ މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ރާއްޖޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކުގެ ޗެއަރޕަރސަނާއި ސީ.އީ.އޯ އާއެކު މިއަދު ބައްދަލުވުމެއް ބާއްވަވާނެ ކަމަށެވެ. މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ ގަވަނިން ބޯޑަށް ސިންގަޕޫރުގެ ރައްޔިތަކާއި އިނގިރޭޭސި ވިލާތުގެ ރައްޔިތެއް އައްޔަންކުރިކަން ޕީސީބީން ވަނީ މިމަހުގެ 21 ގައި އިއުލާންކޮށްފައެވެ.

ރައީސް ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ އެންމެ މުހިންމު އެއް ވަޢުދުކަމަށެވެ. ހަމައެއާއެކު ޑިވެލޮޕްމަންޓް ބޭންކް ވެގެން ދާނީ ރާއްޖޭގައި އިންވެސްޓް ކުރަށްވާ ފަރާތްތަކަށް ހަބަކަށް ކަމަށްވެސް ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވިއެވެ.

“ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާއި ރިނިއުބަލް އެނަރޖީގެ ދާއިރާއިންނާއި އެކި ދާއިރާތަކުން އިންވެސްޓްކުރާނެ ފަރާތްތަކަށް ހަބެއްގޮތުގައި އިރާދަ ކުރެއްވިއްޔާ މި ބޭންކު ވެގެން ދާނެ. ރިއަލް އެސްޓޭޓާއި ހައުސިންގ މާކެޓަށްވެސް. އަދި އެހެން ދާއިރާތަކަށްވެސް.” ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވަނީ މިއަދު ފެށިގެން މިދަނީ ވަރަށް ތާރީޚީ ކަމެއްކަން ފާހަގަ ކުރަށްވައި މިއީ އިޤްތިސާދު ސިންދަފާތުކޮށް ކުރިއަށްގެންދިޔުމަށް އަޅާ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ.



ރައީސް މިހެން ވިދާޅުވެފައިވާއިރު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ ގަވަނިން ބޯޑަށް ތިން މެމްބަރަކު އައްޔަންކޮށްފައެވެ.

އެފަރާތްތަކަކީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދާއި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ރޮބާޓް ޑެނިއުލް ކާންޓްްގެ އިތުރުން މއ. ވޭސައިޑް އަހްމަދު އަލީ އެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި މި ސަރުކާރުން އުފެއްދެވި ކުންފުންޏެކެވެ.

ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަށް ލައިސަންސް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އަށް އިޤްތިޞާދީ ވުޒާރާއިން ހުށައެޅީ މިދިޔަ ޖުލައި މަހުގެ 28 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން