ޑިމޮކްރެޓްސްގެ ލީޑަރޝިޕް
ޑިމޮކްރެޓްސްގެ ލީޑަރޝިޕް
އިޤްތިޞާދީ ގޮތުން ރާއްޖެ ވެއްޓެމުންދާ އަނދަވަޅުން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި މިސަރުކާރުންވެސް ދަނީ ކުރީސަރުކާރުގެ ގޯސްތައް ތަކުރާރު ކުރަމުން ކަމަށް ޑިމޮކްރެޓުން ބުނެފިއެވެ.

ޑެމްސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑެމްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މިއަދުވެސް ފެނިގެން ދަނީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭ މަންޒަރު ކަމަށެވެ.

“މިދިޔަ ސަރުކާރުން ކުރި ގޮތަށް ޚަރަދު މައްޗަށް ޚަރަދު ބޮޑުވަމުން ވަމުން ދާތަން މި ފެންނަނީ.” އިލްޔާސް ވިދާޅުވިއެވެ.

ހަމައެއާއެކު ދަރަނިތަކަށް އެޑްރެސްކޮށްގެން ދަރަނިތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރާ މަންޒަރު ނުފެންނަކަމަށް ވިދާޅުވެ އިލްޔާސްވަނީ މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަށް ފާޑުވިދާޅުވެފައެވެ.

އިއްޔެ ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ކުއްލި ނިންމުމަށް އިޝާރާތް ކުރަށްވަމުން އިލްޔާސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ކާޑުތަކުގެ ޑޮލަރު ލިމިޓް އުވައިލަންޖެހޭ ހާލަތު ކުރިމަތިވަމުން އަންނަކަމަށް އޭޕްރީލްމަހުން ފެށިގެން ބޭންކުން ސަރުކާރަށް އަންގަމުންދިޔަ ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

”އަޅުގަނޑުމެންނަށް މިފެންނަނީ މިނިވަން މުސްތަގިއްލު ބޭންކަކަށް ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ޑިޕާޓްމެންޓެއްހެން އަމުރު ކުރައްވައިގެން ބޭންކް ހިންގަން އުޅޭތަން.” އިލްޔާސް މިއަދު ވިދާޅުވެފައިވެއެވެ.

އިލްޔާސް މިއަދު ވަނީ ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ރާއްޖޭގެ މާލީ ޙާލަތާމެދު އިއްޔެ ދެއްކެވި ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން މާލީ އިސްލާޙުތައް ގެންނަ ވާހަކަ އަމީރު ދައްކަވާއިރު އަމީރަކީ ފަސް އަހަރު މާލީ ވަޒީރުކަމުގައި ހުންނަވައި އެ އިސްލާޙުތައް ނުގެންނެވި ބޭފުޅެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ އިޤްތިޞާދީ ކޮމިޓީގެ މުޤައްރިރު ޙުސައިން އަމްރު ވިދާޅުވީ މިދިއަ ޖޫން މަހުން ފެށިގެން ދަޢުލަތުގެ މާލީ އެއްވެސް ހިސާބެއް ނުފެންނަ ކަމަށާއި އެއީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

“މާލީ އެއްވެސް ހިސާބެއް ހާމައެއް ނުކުރޭ. އެއީ ކަނޑައެޅިގެން ގާނޫނާ އެއްގޮތަށް ކުރަންޖެހޭ ކަމެއް.” އަމްރު ވިދާޅުވިއެވެ.

ޑިމޮކްރެޓުން މިއަދު ވަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތަންފީޒުކުރަން އަވަހަށް ފެށުމަށްވެސް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން