ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ޓާސްކްފޯހެއް އެކުލަވާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ވަޒީރު ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.

ޤައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލައި، އެ ފައިސާ ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދީގެން ކުރުން ހިމެނެ އެވެ.

މި މަސައްކަތުގެ ތެރޭގައި ސަރުކާރުން ކުންފުނިތަކަށް ދޭންހުރި ފައިސާގެ ތަފްސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ޙައްލުތަކާ ގުޅޭގޮތުން ރައީސް ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީން މި ފައިސާ ދައްކާ ޚަލާސްކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިގޮތުން ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށާއި، ކަނޑައެޅޭ ވަކި މިންވަރަކަށް ވުރެ ދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

މީގެއިތުރުން ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި، ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމާއި، ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ (ޚާއްޞަކޮށް މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖޭ ފައިސާ)، އިން އޮފްސެޓް ކުރުން ވެސް ހިމެނެ އެވެ.

އަދި މާލީ ވުޒާރާއިން ހުށަހެޅުއްވި ލޯނު އޮޕްޝަންތަކުގެ އިތުރަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު އޮޕްޝަންތައް ބަލައި އެކަމަށް މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ވަނީ ނިންމަވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން