ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖޭގެ އިޤްތިޞާދު އަނދަވަޅަކަށް ވެއްޓުނީ 8000 މިލިއަން ރުފިޔާ 5 އަހަރު ތެރޭގައި ޗާޕް ކުރުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުން މި ސަރުކާރު ވެރިކަމަށް ގެނައީ ކުރީ ސަރުކާރުން އިޤްތިޞާދު އަނދަވަޅަކަށް ވައްޓާލުމުގެ ސަބަބުން ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ޙާލަތުގެ އަސްލަކީ ކުރީ ސަރުކާރުން އިޤްތިޞާދާއި ނުބައްދަލު މިންވަރަށް ފައިސާ ޗާޕްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިދިޔަ ސަރުކާރުން 5 އަހަރުގެ ތެރޭގައި 8000 މިލިއަން ރުފިޔާ ޗާޕު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިޙާލަތުން އަރައިގަނެ މި އަހަރުގެ ނޮވެމްބަރު އަންނަންވާއިރަށް ރާއްޖޭގެ ރިޒާވް ރަނގަޅުކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މަނީ އެކްސްޗޭންޖް ގިނައިން ހިންގަނީ ބިދޭސީންކަން ފާހަގަ ކުރަށްވަމުން ރައީސް ވިދާޅުވީ މަނީ އެކްސްޗޭންޖް ނިޒާމް ބޭންކުން މޮނީޓާކުރާ ގޮތަށް އެމްއެމްއޭއިން އެކި އެކި އުސޫލުތައް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށެވެ. އަދި ބޭންކްގެ ތެރޭގައި ޑޮލަރުގެ ރިޒާވް އިތުރުކުރެވޭނެ ގޮތްތައް ހޯއްދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ޑޮލަރުގެ ރޭޓް އަތްފޯރާފަށުގައި ހިފެހެއްޓުމަށްޓަކައި ރައްޔިތުންގެ ޒިންމާއެއްވެސް އޮތްކަމަށެވެ.

“ބޭންކުން އިއުލާންކުރާ ބޭންޑުތަކަށްވުރެ މަތިން ޑޮލަރު މާރުކުރަން އުޅޭނަމަ، ރައްޔިތުން އެތަންތަނަށް ނުދިޔައިމަ ނިމުނީ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް މުހިންމީ ރައްޔިތުންގެ މަސްލަޙަތު ޙިމާޔަތް ކުރުން ކަމަށާއި އެހެންކަމުން އެމްއެމްއޭގެ މަނިޓަރީ ގަވައިދާއި މަނީ ޗެންޖާސް ގަވައިދާއި ފޮރިން ޑައިރެކްޓް އިންވެސްމަންޓް ގަވައިދުގެ އިތުރުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގަވައިދަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން